ޝަހީދާ އަބްދުﷲ ސައީދު
ތިމާގެ އަމިއްލަ ނަފްސުގެ ސަލާމަތަށް އެދޭފަދައިން އަނެކާއަށްވެސް ރައްކާތެރިކަން ހޯދައިދިނުން އިސްކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ނައިބު ރައީސް މިފަދައިން ޓުވީޓު ކުރައްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ސެނަހިޔާ ކައިރިން، ކަފިހި ހުރަސްމަތިން ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖައްސާފައިވާތީ އޮންލައިން ނޫހަކުން ލިޔެފައިވާ ހަބަރެއްގެ ސުރުޚީއާ ފޮޓޯއެއް ޓެގްކުރައްވައިފައެވެ.
ފައިސަލް ވިދާޅުވީ މަގުމައްޗަކީ އެންމެންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދޭނީ ހުރިހާ އެންމެންގެ އެއްބާރުލުމާއި ފުރިހަމަ ސަމާލުކަން އެކަމަށް ދެވިގެން ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ހަވީރު ކަފިހި ހުރަސްމަތިން ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖެއްސުމާއި ގުޅިގެން 46 އަހަރުގެ އަންހެންމީހާއަށް އޭޑީކޭގައި އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ.