އިބްރާހިމް ޒަކީ
ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ސަމާލުކަންދީ، ދުންފަތުގެ އިސްތިއުމާލުން، މައިންނާއި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ސަލާމަތްކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ގޮވާލައްވައިފި އެވެ.
ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، މޯލްޑިވްސް ޑިމޮގްރެފިކް ހެލްތުސާވޭގެ ރިޕޯޓް ނެރެދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނާއިބު ރައީސް ފައިސަލް ނަސީމު ވިދާޅުވި ގޮތުގައި، ރިޕޯޓުން ދައްކާ ނަތީޖާއަށް ބަލާއިރު، ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަވެގެންދެއެވެ.
އަދި ދުރު ވިސްނުމަކާއެކު އެކަންކަން ހައްލު ކުރެވޭނީ އެންމެން އެކީ މަސައްކަތް ކޮށްގެންނެވެ. ދުންފަތުގެ ދުމުން ލިބޭ ގެއްލުމުން މުޖުތަމައުގެ އެންމެން ސަލާމަތްކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރައްވައި ނާއިބު ރައީސް ވިދާޅުވީ އެކަމަށް ހާއްސަ ކެމްޕެއިންތައް ކުރިއަށް ގެންދިއުން މުހިއްމު ކަމަށެވެ.
ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތާއި ރަނގަޅު ކާނާ ކެއުމާއި ސާފުތާހިރުކަން މުހިއްމުކަން ނާއިބު ރައީސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގިނަ ވަގުތު އޮފީހުގައި ހޭދަކުރަން ޖެހުނަސް، ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރާނެ ވަގުތުކޮޅެއް ހޯދުމަކީ މުހިއްމު ކަމެކެވެ.
އަދި ތިމާއަށް މީރު ނަމަވެސް ހަށިގަނޑަށް ގެއްލުންހުރި ކާނާކެއުން ދޫކޮށްލުމަށްފަހު، ރަނަގަޅު ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމާއި ސާފުތާހިރުކަން އިތުރު ކުރުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވައި އެގޮތުގައި ދިރިއުޅުން ބައްޓަން ކުރުމަށް ނާއިބު ރައީސް ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.