ޚަބަރު

މިނިސްޓަރު ޝާހިދު ސައުދީ ފޮރިން މިނިސްޓަރާއި ސައުދީ ފަންޑްގެ ޗެއާމަންއާ ބައްދަލުކުރައްވައިފި

އަހުމަދު ޖައިޝަން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދި އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލްއައްސަފް އާއި ސައޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޗެއާމަން އަހުމަދު ބިން އަގީލް އަލް ޚަތީބްއާ ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވަނީ ސައުދީ އަރައްބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މިނިސްޓަރު ޝާހިދާއި ސައުދީ ފޮރިން މިނިސްޓަރުގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކައިގައި ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގާތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އަހައްމިއްޔަތަށް އަލިއަޅުއްވައިލައްވައިފައި ވެއެވެ.

އަދި ދެގައުމުގެ ގުޅުން ބިނާވެފައި ވަނީ ދެގައުމުގެ ދެމެދުގައި އޮތް އިސްލާމީ، ސަގާފީ އަދި ތާރީހީ ގުޅުންތަކުގެ މައްޗަށް ކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ.