ޚަބަރު

ވިލިމާލޭގައި ބެޓެރި ކާރުގައި ޓެކްސީކުރުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ނިއުޝާ

ވިލިމާލޭގައި ބެޓެރި ކާރުގައި 24 ގަޑިއިރު ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލިމާލެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބެޓެރި ކާރުގައި ޓެކްސީގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރި ވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓުގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

ވިލިމާލޭގައި ބެޓެރި ކާރުގައި ޓެކްސީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލިއިރު، އެ އަވަށުގައި ދުއްވާ ބެޓެރި ވެހިކަލްތައް ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ކައުންސިލުން ބުނީ، އުޅަނދުތަކުގެ ދަފުތަރެއް އެކުލަވާލަން ނިންމާފައިވަނީ ވިލިމާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ކަމަށެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ މެންބަރު ނަހުލާ އަލީ "ވަން" އަށް މިއަދު ވިދާޅުވީ ވިލިމާލޭގައި ޓެކްސީގެ ގޮތުގައި ބެޓެރި ކާރު ދުއްވަން ހުއްދަ ދޭން ނިންމާފައިވަނީ ބަގީގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ނުލިބޭތީ އެކަމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ.

މިދިޔަ މަހު މާލޭ ސިޓީ ކައުންސިލް ފަރާތުން ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމެއްގައި ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ވިލިމާލޭގައި ޓެކްސީކުރަން ހުއްދަ ދޭން ނިންމާފައި ވަނީ 10 ބެޓެރި ކާރަށް ކަމަށެވެ. ހަމަ އެހެންމެ ކާރުގެ އިތުރުން ބެޓެރި ވޭން ދުއްވުމުގެ ހުއްދަ ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ވިލިމާލޭގައި ބެޓެރި ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ.