އއ. މަތިވެރީގައި ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ފުލުހުންނަށް ފެނި އެމީހުން މަޑުކުރަން އެންގުމުން އެމީހުން ތިޖޫރީ އެއްލާލާފައި ފިލައިފި އެވެ.
ފުލުހުން ބުނީ ރޭ 0250 ހާއިރު އެ ދެމީހުން ފެނިފައިވަނީ މަތިވެރި ޕެޓްރޯލް ކުރުމުގެ ތެރެއިންކަމަށެވެ.
އެކަމާ ގުޅިގެން މަތިވެރީގެ ރަށުތެރޭގެ ހުރިހާ ފިހާރަތަކަކާއި، އޮފީސްތައް ޗެކް ކުރި އިރު އެރަށު އެސްޓީއޯ ބޭސް ފިހާރަ ފަޅާލާ، އެތަނުގެ ތިޖޫރީ ވަގަށް ނަގާފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިހާރު ވަނީ އެ ތިޖޫރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.