މުހައްމަދު ސިމާއު
ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޯން ފެނި، ހަލުވިކަމާއެކު ފެތުރެން ފެށުމުން ރާއްޖޭން އެފްރިކާގެ ހަތް ގައުމުތަކަށް ބޯޑަރު ބަންދުކޮށްފައިވާ އިރު، އެ ފިޔަވަޅު އެޅުމުގެ 14 ދުވަސް ތެރޭ އެކަނިވެސް އެފްރިކާ ބައްރުން ރާއްޖެއަށް ޖުމުލަ 730 މީހަކު އައިސްފައިވާކަން އެނގިއްޖެއެވެ.
އެފްރިކާގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކުރަން ސަރުކާރުން ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ނޮވެމްބަރު 28 ވަނަ ދުވަހުން ފެށިގެން ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ނުހިމެނޭ ގޮތަށް، ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ރާއްޖެ އައުމުގެ 14 ދުވަސްކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނަ އިރު، ޓްރާންސިޓްވެފައިވާ މީހުން ހިމެނޭނެ ކަމަށް އިއުލާނުގައިވެއެވެ.
އެ ފިޔަވަޅު އެޅުމުގެ 14 ދުވަސް ކުރިން ރާއްޖެއަށް މީހުން އެތެރެވެފައިވާ އަދަދު ހިމަނައި، އިމިގްރޭޝަނުން "ވަން"އާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ކޮވިޑުގެ އާ ވޭރިއަންޓް ފެނުނު ކަމަށް ބުނާ ދެކުނު އެފްރިކާއިން ރާއްޖެއަށް ޖުމުލަ 730 މީހުން އެތެރެވެފައިވެއެވެ. އެއީ 343 ފިރިހެނުންނާއި 387 އަންހެނުންނެވެ.
ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން އެމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެފްރިކާ ބައްރުން ރާއްޖެ އެތެރެވެފައިވާ މީހުންގެ އަދަދަށް ބަލައިފި ނަމަ، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1214 މީހުން ރާއްޖެ އެތެރެވެފައިވެ އެވެ. އެއީ ޓޫރިސްޓުންނާއި ވޯކްޕާމިޓްގައި އައި މީހުންނާއި ކުޑަކުދިން ހިމަނައިގެންނެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުން، އެފްރިކާގެ ބައެއް ގައުމުތަކުން މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމި އިރު، ރާއްޖެއަށް މީހުން އައުން މަނާކުރި ހަތް ގައުމުން ރާއްޖެއަށް ދަތުރު ފަށާފައިވާ މީހުންނާއި ވޭތުވެދިޔަ 14 ދުވަސް ތެރޭގައި އެ ގައުމުތަކުން ރާއްޖެއަށް އެތެރެވެފައިވާ މީހުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ. އަދި 14 ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން، 14 ދުވަސް ފުރިހަމަވުމުން އިތުރު ޕީސީއާރު ޓެސްޓެއް ހަދަން އެންގި އިރު، ރާއްޖޭގައި 14 ދުވަހަށްވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީސީއާރު ޓެސްޓެއް ހަދަން ވަނީ އަންގައިފައެވެ.