ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ 'ރިވެލި އެވޯޑް' ހަ ފަރާތަކަށް ދީފިއެވެ.
ރިވެލި އެވޯޑު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ހަ ފަރާތަކަށް މި އެވޯޑް ދީފައިވާއިރު، މި އެވޯޑަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާއަށް ހިދުމަތް ކުރާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ޖެންޑާ މިނިސްޓްރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލް ގުޅިގެން ދޭ އެވޯޑެކެވެ.
އެގޮތުން ކޮންމެ ދެ އަހަރަކުން ދޭ މި އެވޯޑުގެ ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރިވެލި އެވޯޑު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ. އެކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާއި މަޝްވަރާ ހޯދާފައިވާ ކަމަށާއި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭ ގޮތުން މިހާރު ހިންގާ ޕްރޮގުރާމުތަކަށް ބަދަލުތަކެއް އެބަ ގެންނަން ޖެހޭ. އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭ ފަދަ ގޮތަކަށް އެ ޕްރޮގުރާމުތައް ބައްޓަންކުރުން. އެފަދަ ޕްރޮގުރާމުތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ހާސިލު ކުރެވޭނީ އޭރުން،" ރައީސް ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން ރޭ އެވޯޑް ހާސިލު ކުރި ބޭފުޅުންގެ ތެރޭގައިވެސް އަދި މިދިޔަ އަހަރު އެވޯޑް ހާސިލު ކުރި ބޭފުޅުންގެ ތެރޭގައިވެސް ވަރަށް ފަންނުވެރި ހުނަރުވެރިން އެބަތިބި ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅުންގެ ހުނަރުތައް ތަރައްގީކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އޭރުން އެފަދަ ބޭފުޅުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރަށް ތަރައްގީވެ، މުޖުތަމައަށާއި މުޅި ގައުމަށްވެސް މިހާރަށްވުރެ އެތައް ގޮތަކުން މަންފާކުރާނެ. އަދި އެއީ އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްވެސް ލިބޭ އަގުހުރި ފުރުސަތަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންމެންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން މިހާރަށްވުރެ ފުރިހަމައަށް ދޭން ޖެހޭ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިވުމަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ހަދަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރޭގެ ހަފުލާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލައި ހިތްވަރުދީ، ކުރިއެރުވުމުގެ މަގްސަދުގައި، 'ރިވެލި ތަރި'ގެ ނަމުގައި އެ މިނިސްޓްރީން ބޭއްވި މުބާރާތް ކާމިޔާބު ކުރި ފަރާތްތަކަށް ވެސް ރޭ އިނާމު ދިނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލައި ހިތްވަރުދީ، ކުރިއެރުވުމުގެ މަގްސަދުގައި، 'ރިވެލި ތަރި'ގެ ނަމުގައި އެ މިނިސްޓްރީން ބޭއްވި މުބާރާތް ކާމިޔާބު ކުރި ފަރާތްތަކަށް ވެސް މިރޭ އިނާމު ދިނެވެ.