ނ. މަނަދޫ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މަނަދޫ ކުނިގޮނޑުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މިރޭ 9:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މަނަދޫ ކުނިގޮނޑު ހުންނަނީ އާންމުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގައެވެ.
ކުނިގޮނޑު ކައިރީ ޖެހިގެން ހުރީ ނަރުދަމާ ބިލްޑިންގ ކަމަށާއި އެތަނަށް އަލިފާނުގެ އަސަރު ކުރިޔަ ނުދިނުމަށް ފުލުހުންނާއި އެ ރަށު ކައުންސިލް ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަނަދޫގައި އަލިފާން ނިއްވާ ޕަމްޕެއް ނެތުމުން ސޮނޭވާ ޖާނީ ރިސޯޓުގައި އެދިގެން މިހާރު ޕަމްޕަކާއެކު އަލިފާން ނިއްވާ މީހުން އައިސްފައިވާ ކަމަށާއި ކައުންސިލް އަދި ފުލުހުންނާއެކު އެ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިރޭ 11:21 ހާއިރު އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.