އަދާލަތުން ކުރިން ނިންމި 13 ދާއިރާއިން 8 ދާއިރާއަށް މަޖިލީހަށް ކެންޑިޑޭޓުން ނެރުމުން މިސަރުކާރަށް މަޖިލީހުގެ އަގުލިބިއްޔަތު ލިބުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވެފައި ވަނީ މިރޭ އަދާލަތު ޕާޓީގެ އޮފީހުގައި އެ ޕާޓިގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކޮށްދެއްވުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ އަދާލަތު ޕާޓީން ކުރިން 13 ދާއިރާއަކަށް ކުރިމަތިލުމަށް ނިންމި ނަމަވެސް ފަހުން 8 ދާއިރާއަށް ކުރިމަތިލުމަށް ނިންމީ މިސަރުކާރަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ލިބުމުގެ މަގު ތަނަވަސްވެދާތީވެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ޕާޓީގެ ފަރާތުން 13 ދާއިރާއަށް ކުރިމަތިލުމަށް ތައްޔާރުވެ، މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅުން ކުރެއްވި މަސައްކަތްތަކަށާއި ގައުމާއި ރައްޔިތުންނާއި ސަރުކާރުގެ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ފަހަތަށް ޖެހިލެއްވި ފަސް ބޭފުޅުންގެ މަސައްކަތް ޕާޓީން ނުހަނު ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވެ އެބޭފުޅުންނަށް ޝުކުރު ދަންނަވައިފައެވެ. ހަމައެއާއެކު މިނިސްޓަރ ވަނީ ކުރިއައްއޮތް ދުވަސްވަރުގައި ސިޔާސީ ގޮތުން ތަނަވަސް މަސައްކަތެއް ކުރުމަށް ޕާޓީން މަޖިލީހަށް ކުރިމަތިލެއްވި ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދެއްވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާން ވަނީ ފާއިތުވި އަހަރުތަކުގައި އަދާލަތު ޕާޓީން ނިޔާވެރި ވެރިކަމަކުން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތްކޮށް ދިވެހިރާއްޖޭގައި އަދުލުވެރި ވެރިކަމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށާއި މިއަދު ރާއްޖޭގައި މިވަނީ އަދުލުވެރި ވެރިކަމެއް ގާއިމްކުރެވިފައި ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިމްރާން ވަނީ އެންމެން ގުޅިގެން އެކުއެކީ މަސައްކަތް ކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ސަރުކާރަށް ލިބިގެން ދާނެކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި އަދާލަތު ޕާޓީން މަޖިލީހަށް ވާދަކުރުމަށް އަށް ދާއިރާއެއްގެ ޓިކެޓު ހަވާލުކޮށްފައިވާ އިރު، މިހާރުވެސް މަޖިލީހުގެ މަކުނޫ ދާއިރާގެ މެމްބަރުކަން އަދާކުރައްވާ އަނާރާ ނައީމަށް ވަނީ އަލުން އެ ދާއިރާއަށް އަދާލަތު ޕާޓީން ކުރިމަތިލުމަށް ޓިކެޓި ދީފައެވެ.