ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ސައުދީގެ ކޮމާސް އެންޑް އިންވެސްޓްމަންޓް މިނިސްޓަރ ޑރ. މާޖިދް ބިން އަބްދުﷲ އަލް ގަސަބީއާ ބައްދަލުކުރެއްވުމަށްފަހު އެވެ.
މިއަދު ސައުދީގެ ކޮމާސް އެންޑް އިންވެސްޓްމަންޓް މިނިސްޓްރީގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައެވެ. މިގޮތުން ދިވެހި ވިޔަފާރަވެރިންނާއި ސައުދީގެ ވިޔަފާރަވެރިންގެ މަހާސިންތާއެއް ސައުދީގެ ރިޔާޟްގައި ބޭއްވުމާއި ގުޅެ ގޮތުން މި ބައްދަލުވުމުގައި ވަނީ ދެ ބޭފުޅުން މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ އާއި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް އެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ސައުދީގައި ހުންނަ ދިވެހި އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.