ޚަބަރު

ދަރަވަންދޫގެ ކުރިއެރުމަށްހުރި ހުރަސްތަކާބެހޭ މައުލޫމާތުތައް ރައީސްއާ ހިއްސާކޮށްފި

ދަރަވަންދޫގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ހިއްސާ ކުރައްވައިފި އެވެ.

މި ކަންކަން ހިސްސާކޮށްފައިވަނީ، ރައީސުލް ޖުްހޫރިއްޔާ، ދަރަވަންދޫ ކައުންސިލްގެ މެންބަރުންނާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކާގައި ރަށުގައި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ އުނދަގޫތައް ޙިއްޞާކުރެއްވިއެވެ.

އަދި ކައުންސިލް މެންބަރުން ވަނީ ރަށުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ޤާއިމުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން މެންބަރުންވަނީ ބަނދަރުގެ ހާލަތު މިހާރު އޮތްގޮތުން ކުރިމަތިވާ ދަތިތައް ވެސް ޙިއްސާކުރައްވައިފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ކައުންސިލް މެންބަރުން ވަނީ ދަރަވަންދޫ އެއާޕޯޓު މިހާރަށްވުރެ ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ ދަތިތަކާއި، ރަށުގައި މިވަގުތު ގެދޮރު ދޫކުރެވެން ނެތުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތައްވެސް މެންބަރުން ޙިއްޞާކުރައްވާފައިވެއެވެ.

މެންބަރުން ދެއްކެވި ވާހަކަފުޅުފައި ޒުވާނުންނަށް އެންމެ ބޭނުންވެފައިވާ ފުޓުބޯޅަދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.