ޚަބަރު

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޔޫއޭއީއަށް

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިރޭ ފުރާވަޑައިގެންފިއެވެ.

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު އަދި އާދިއްތަ ދުވަހު އަބޫދާބީގައެވެ.

ރައީސް އޮފީހުން ބުނީ މި ކޮންފަރެންސްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ކަމަށެވެ. އަދި މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް އިފުތިތާހުކުރާނީ ހޮނިހިރު ދުވަހުއެވެ.

އައިއޯސީ 2021 ގެ ޝިއާރަކީ "އިކޮލޮޖީ، އިކޮނޮމީ، އެޕިޑެމިކް" އެވެ.

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހަފުތާގެ ބުދަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.