ލޭގެ ކެންސަރު ޖެހިގެން ބެންކޮކް ވަޖިރާ ހޮސޕިޓަކުގައި ފަރުވާ ދެމުން ދިޔަ އުމުރުން 11 މަހުގެ ދިވެހި ކުއްޖާ މަރުވެއްޖެ އެވެ.
ކުއްޖާގެ އާއިލާއިން މިއަދު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ކުއްޖާ މަރުވީ ބައްޔަށް ފަރުވާ ހޯދަމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ކުއްޖާގެ މަންމަ މީގެ ކުރިން ފޭސްބުކުގައި ބުނެފައިވަނީ އޭނާގެ ތުއްތު ދަރިފުޅު ބަލިވެގެން އިންޑިއާގައި 10 މަސް ހޭދަކޮށްފައިވާ ކަމަށެވެ. މި 10 މަސް ތެރޭގައި ތިން ފަހަރެއްގެ މަތިން ޓެސްޓު ހެދުމުން ތިން ވައްތަރެއްގެ ކެންސަރު ހުރި ކަމަށް ރިޕޯޓުތަކުން ދެއްކި ކަމަށެވެ.
ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ބެންކޮކްގެ ވަޖީރާ ހޮސްޕިޓަލަށް ދެއްކުމުން ކުއްޖާ އަށް "އެކިއުޓް މައިލޮއިޑް ލުކީމިއާ" ވިތު ސައިކްލިކް ޕެޓާން ނިއުޓްރޯފީނިއާ ޖެހިފައިވާ ކަން އެނގުނު ކަމަށެވެ. އޭރުވެސް ކެންސަރު ސެލްތައް ހަށިގަނޑުގައި ވަރަށް ބާރަށް ހަލުވި މިނެއްގައި ފެތުރެމުންދާ ކަމަށް ޑޮކްޓަރުން ބުނި ކަމަށްވެސް ކުއްޖާގެ މަންމަ ވަނީ ބުނެފަ އެވެ.
ކުއްޖާގެ މަންމަ އެއިރު ކުރި ޕޯސްޓުގައި ބުނީ ކުއްޖާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ހެޔޮ ދުއާ ކޮށްދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް މިއަދު ކުއްޖާގެ މަރުގެ ހަބަރު އާއިލާގެ އެހެން މީހަކު ވަނީ ފޭސްބުކުގައި ހިއްސާކޮށްފަ އެވެ.
ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެންނާނެ ކަމެެއް ނުވަތަ ނޫން ކަމެއް އަދި ޔަގީނެއް ނޫނެވެ.
މިދިޔަ މަހުގެ ތެރޭގައިވެސް އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ލޭގެ ކެންސަރު ޖެހިގެން މަރުވެފަ އެވެ.