ޝަހީދާ އަބްދުﷲ ސައީދު
ރ. އަނގޮޅިތީމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ރަށު ކައުންސިލުން އެދިފައިވާ ކަންތައްތައް ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ އަނގޮޅިތީމު ކައުންސިލު މެންބަރުން މިއަދު އެމަނިކުފާނާ ބައްދަލުކުރައްވައި ރަށަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމާ ބެހޭ ގޮތުން ވާހަކަދައްކަވާފައިވާ ކަމަށެވެ.
އަދި ރަށުގެ ނަރުދަމާ އާއި ފެނުގެ މަޝްރޫއުގެ މަސައްކަތްތަކާއި، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ތަކާއި ފުޓްސަލްދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ހެލްތު ސެންޓަރަށް ކުރިމަތިވެފައިވާ ދަތިދަކާއި މަގުތައް އަޑިގުޑަންވެފައި އޮތުމުން ކުރިމަތިވަމުންދާ ދަތިތަކުގެ އިތުރުން ރަށުގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ރަށުން ލިބެންހުރި އަސާރީ ތަކެތި ބެހެއްޓުމަށް މިއުޒިއަމެއް އިމާރާތްކޮށްދެއްވުމަށް އެދިވަޑައިގެންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކައުންސިލު މެންބަރުންގެ ވާހަކައާއި ގުޅިގެން ރައީސް ސޯލިހު ވަނީ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވާ ކަންތައްތައް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.