އިސްލާމީ މަރުކަޒުގެ ތެރެއަށާއި ޖުމްހޫރީ މައިދާނަށް ކުޑަކަމު ދިޔަ މީހާ އެއް މަހާއި 19 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މަޣްރިބް ނަމާދު ވަގުތުގައި މާލޭގެ އިސްލާމީ މަރުކަޒަށް ވަދެ، އެ މިސްކިތުގައި އިމާމު މީހާގެ ކުރިމަތީގައި ހުންނަ މިހްރާބުގެއާ ހަމައިން ގިބްލައަށް ކުރިމަތިލައިގެން ކޮޅަށްހުރެ، އެތަނަށް ކުޑަކަމުދިޔުމަށްފަހު ހަމަ އެދުވަހު 18:10 ހާއިރު މާލޭގެ ޖުމްހޫރީ މައިދާނުގެ މެދާ ހިސާބުގައި ކޮޅަށްހުރެ، އެ ތަނަށް ކުޑަކަމުގޮސްފައިވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދެވެ.
މީގެ އިތުރުން ހަމަ އެދުވަހު އޭނާ ވަނީ ރައީސް އޮފީސް ދޮރުމައްޗަށާއި ހުކުރު މިސްކިތުގެ ގޯތި ތެރެއަށްވެސް ކުޑަކަމު ގޮސްފައެވެ. މި މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށްފަހު، ފަހުން ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް އެހެން މިސްކިތަކަށް ވަދެ، ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި އޭނާ ވަނީ ފަހުން ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައިވެސް އޭނާގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި އަދި ހުކުމް އިއްވައިފައެއް ނުވެއެވެ.
އިސްލާމީ މަރުކަޒަށާއި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މައްސަލައިގައި ވަކިވަކިން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާއެވެ. މިއަދު ކުރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި އޭނާ ވަނީ އެ ދެ ދައުވާއަށް އެއްބަސްވެފައެވެ.
އޭނާ އެދުނީ ބަންދުގެ އަދަބު އުނިކުރުމަށްފަހު ޖޫރިމަނާއަށް އަދަބު ބަދަލުކޮށްދިނުމަށެވެ. ނަމަވެސް ހަސަން ޒިޔާދުގެ އަމަލަކީ މުޖުތަމައުގައި ހުތުރު އަމަލަކަށްވުމުގެ އިތުރުން އެ އަމަލުތައް ރޭވުންތެރިކަމާއެކު އަމާޒުކޮށްފައިވަނީ އިސްލާމް ދީނާއި ދިވެހިންގެ ގައުމިއްޔަތާ ގުޅުންހުރި ތަންތަނަށް ކަމަށްވާތީ މިއީ ގަސްދުގައި ރޭވުންތެރިކަމާއެކު ހިންގާފައިވާ އަމަލުތަކެއް ކަމުން އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ނުކުރެވޭނެ ކަމަށް ގާޒީ ދީބާނާޒް ފަހުމީ އިއްވި ހުކުމުގައިވެއެވެ.
އެހެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އެކުށުގެ ގާނޫނީ އަދަބު ކަމަށްވާ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަކި ވަކީން ދެ މައްސަލައަށް ވަނީ އިއްވައިފައެވެ. ދެ މައްސަލައިގެ އަދަބު އެއްކޮށްލުމުން އެއީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް އޭނާ ބަންދުގައި 23 ދުވަސް ހޭދަކޮށްފައިވާތީ އަދަބުން އެދުވަސްތައް އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމުގައިވެއެވެ.