ރައީސް ޔާމީން

ދައުވާކުރަން ކޯޓަށް ހުށަހެޅީ ސިޔާސީ ގޮތުން ބިރުދައްކަން: ރައީސް ޔާމީން

1

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރަން ފޮނުވުން އެއީ ސިޔާސީ ގޮތުން ބިރުދެއްކުމުގެ އަމަލެއް ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން، މަނީ ލޯންޑަރިންގެ ދައުވާ އުފުލައި، ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.

"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން މިއަދު ވިދާޅުވީ، ކޯޓުގައި މައްސަލަ ދިފާއު ކުރައްވާނެ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް، މީ ސިޔާސީ ގޮތުން ބިރުދެއްކުމުގެ އަމަލެއް. ކޯޓުގައި އަޅުގަނޑުމެން މައްސަލަ ދިފާއުކުރާނަން." ރައީސް ޔާމީން ވިދާޅުވި އެވެ.

މަނީ ލޯންޑްރިން ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައިވާއިރު، ފުލުހުން މިދިޔަ ހަފުތާ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ.

އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރައި ހަވާލުކުރުމަށް ކުރީގެ ރައީސް ޔާމީނަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެ ފައިސާ ދައުލަތަށް އަނބުރައި ހަވާލުނުކޮށް ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުންގެ އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟