ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބު ތަކުގައި ވާދަ ނުކުރެވޭ ގޮތަށް، އޮންނަ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އަމަލު ކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މެންބަރަކު ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަނަށް ހުށަހަޅައިފިނަމަ، ކޮމިޝަނުން އެމީހެއްގެ ކެންޑިޑެންސީ ބާތިލް ކުރަންވާނެއެވެ.
ގާނޫނުގެ މި މާއްދާއަށް އަމަލުކުރުން މަޑުޖައްސައިލުމުގެ އަމުރަކަށް، ސ. ހިތަދޫ ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ސުޕްރީމް ކޯޓުގައި މިއަދު އެދިފައިވަނީ، އެ މާއްދާ އުވައިލުމަށް އޭނާއާއެކު އިތުރު ދެ ބޭފުޅަކު އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑު އެހުމުގަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ އުވައިލުމަށް އަހުމަދު މުހައްމަދާއެކު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ، އެމްޑީޕީ ޕްރައިމަރީން ބަލިވުމުގެ ސަބަބުން މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވެފައިވާ، އަބުދުﷲ ޖާބިރާއި، ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސެއިން އެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އަހުމަދު މުހައްމަދު ވިދާޅުވީ، އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު، އެހާ ތަނަށް އެ މައްސަލައަށް ގޮތެއް ކަނޑަނޭޅިއްޖެނަމަ، މައްސަލަ ހުށަހެޅި ފަރާތްތަކާއި، އެހެން ފަރާތްތަކެއްގެ އަސާސީ ހައްގެއް ގެއްލިގެންދާނެ ކަމަށެވެ.
އަދި ގާނޫނުގެ އެ މާއްދާ އުވައިލުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައިވާއިރު، އެމާއްދާ އުވާލުމުގެ ފުރުސަތު އޮތުމުން އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުމަކީ އަދުލުވެރިގޮތެއް ކަމަށް ނުދެކޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ، ތިން ބޭފުޅުން ހުށަހެޅުއްވި މައްސަލަ އެއް އަޑުއެހުމެއްގެ ގޮތުގަ އެވެ.
މިއަދުގެ އަޑުއެހުމުގައި، މައްސަލަ ހުށަހެޅުއްވި ތިން ބޭފުޅުން ދެއްކެވި ވާހަކައަށް ޖަވާބުދާރީވުމަށް، އުއްތަމަ ފަނޑީޔާރު ބަންޑާރަ ނާއިބު އޮފީހުގެ ވަކީލުންނަށް ފުރުސަތު ދެއްވުމުން، މައްސަލައިގެ ލިޔުންތައް ލިބިފައިވަނީ އިއްޔެ ކަމަށްވާތީ، ލިޔުންތައް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން އެބޭފުޅުންނަށް ވަގުތު ދެއްވުމަށްފަހު، އަންނަ އާދިއްތަ ދުވަހަށް އުއްތަމަ ފަނޑިޔާރު މައްސަލައިގެ އަޑުއެހުން ފަސްކުރެއްވި އެވެ.