ޚަބަރު

ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ހައިކޯޓުގައި ތާވަލްކޮށްފި

އަހުމަދު ޖައިޝަން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެ މަނިކުފާނުގެ ވަކީލުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 24 ގައެވެ.

މާދަމާގެ އަޑުއެހުމަކީ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަން މެންދުރު 1:45އަށެވެ. އަދި މި އަޑު އެހުމުގެ ޗިޓު މިހާރު ވަނީ ފޮނުވައިފަ އެވެ.

ރާއްޖޭގައި ހުރި ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއް ހިފަހައްޓާފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ތަފާތު ތިން އަމުރެއްގެ ދަށުންނެވެ. އެ ހުރިހާ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެފައި ވަނީ ފުލުހުން އެދިގެންނެވެ.