ނިއުޒީލެންޑުގެ މަޖިލިސް މެންބަރު ޖޫލީ އޭން ޖެންޓާ ވިހެއުމަށް ޓަކައި އަމިއްލަފުޅަށް ބައިސިކަލް ދުއްވަވާފައި ހޮސްޕިޓަލަށް ވަޑައިގެންފި އެވެ.
ޖޫލީ އަށް ދެވަނަ ކުއްޖަކު ލިބިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރު 3.04 ގައެވެ. އެކަން އިއުލާނުކޮށް އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ދެވަނަ ދަރިފުޅު ވިހެއުމަށް ހޮސްޕިޓަލަށް ވަޑައިގަތް ގޮތުގެ ވާހަކަ ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ހޮސްޕިޓަލަށް ދިއުމަށް ފިރިމީހާއާއެކު ގެއިން ދަންވަރު 2.00 ގައި ނުކުންނަވައި އަމިއްލައަށް ބައިސިކަލް ދުއްވަމުން ގެންދެވިއިރު ބަނޑުގައި ރިއްސުން އެހާ ބޮޑު ނޫން ކަމަށާއި ނަމަވެސް ހޮސްޕިޓަލާ ހަމައަށް ފޯރި އިރު ފުދޭވަރަކަށް ބަނޑުގައި ރިއްސަމުން ދިޔަކަމުގައި ޖޫލީ ވަނީ ވިދާޅުވެފައެވެ. ޖޫލީ ވަނީ ހޮސްޕިޓަލަށް ދިޔަތާ އެއް ގަޑިއިރުގެ ތެރޭގައި ވިހާފައެވެ.
މިއީ މަޖިލިސް މެމްބަރަކު ކަންތައް ކުރައްވަފާނެ ގޮތެއްކަމަށް ގަބޫލުކުރަން ދަތި ނަމަވެސް މިއީ މިގޮތަށް އޭނާ ކަންތައް ކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ.
ޖޫލީ ވަނީ 2018ވަނަ އަހަރު އަލަތު ދަރިފުޅު ވިހެއުމަށްވެސް ހަމަ މިފަދައިން ކަންތައް ކުރައްވާފައެވެ. ގްރީން ޕާޓީގެ މެންބަރު އަދި ނިއު ޒީލެންޑުގެ އެސޯސިއޭޓް މިނިސްޓާ ފޯ ޓްރާންސްޕޯޓު (އަދި މިނިސްޓާ ފޯ ވިމެން) މަގާމުގައި އޭރު ހުންނެވި އިރު ވެސް ވިހެއުމަށް ހޮސްޕިޓަލަށް ވަޑައިގަތީ އަމިއްލައަށް ބައިސިކަލުގައި ދުއްވާފައެވެ. އަދި އެފަހަރުވެސް އެކަން ހާމަކޮށް އެކަމަނާ ވަނީ ފޭސްބުކް ޕޯސްޓެއް ކޮށްފައެވެ.