ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އެމްޑީޕީ ކެނޑިޑޭޓުންގެ ފޯމުތަކުގެ ތެރެއިން، ބަލައި ނުގަނެ ފޮނުވާލި އަށް ފޯމެއް އަލުން އެކޮމިޝަނަށް ހުށަހަޅައިފި އެވެ.
އެމްޑީޕީ މަޖިލިސް 19، ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފު މިއަދު ވިދާޅުވީ، މައުލޫމާތު ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނަށް ބަލައިނުގަނެ ފޮނުވައިލި 10 ފޯމުގެ ތެރެއިން އަށް ފޯމެއް މައުލުމާތު ފުރިހަމަ ކުރުމަށްފަހު މިއަދުގެ ނިޔަލަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އަނެއް ދެ ފޯމުގެ މައުލޫމާތު ފުރިހަމަކޮށް ވަރަށް އަވަހަށް އިލެކްޝަންސް އަށް ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް ވާދަކުރަން އެމްޑީޕީން، ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހު ހަވަނަ ދުވަހު އެވެ.
އަފްޝަން މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަމާޒު ކޮށްގެން އެމްޑީޕީން ތައާރަފް ކޮށްފައިވާ އެކިއެކި ތީމްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ފޯރަމްތަކާއި ޓީވީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މިހާރު ރާވާފައިވާ ކަމަށެވެ.
އެގޮތުން ބާއްވާ ފުރަތަމަ ފޯރަމް މާދަމާރޭ ދަރުބާރުގޭގެ ހަކުރާ މާލަމުގައި ކުރިއަށް ދާނެ ކަމަށް އޭނަ ވިދާޅުވި އެވެ.
އިންތިގާލީ އިންސާފުގެ ތީމަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ފޯމްގައި ބައިވެރިވެގެން މައުލޫމާތު ހޯދުމަށާއި، ސުވާލު ކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.