ޚަބަރު

ހިޔާ މަޝްރޫއަށް ރައްޔިތުން ހުށަހެޅި ފޯމުތައް މިހާރުވެސް ހައުސިން މިނިސްޓްރީގެ އެކި ތަންތަނުން އެބަފެނޭ

އަހުމަދު ޖައިޝަން

1

ހިޔާ މަޝްރޫއަށް ރައްޔިތުން ހުށަހެޅި ފޯމުތައް މިހާރުވެސް ހައުސިން މިނިސްޓްރީގެ އެކި ތަންތަނުން ފެންނަމުންދާ ކަމަށް ގެދޮވެރިކަމުގެ މަޝްރޫތައް، ކުރިއަށް ގެންގޮސްފައިވާގޮތް ބަލައި ދިރާސާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ކޮމިޓީން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު އެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މެމްބަރު އަހުމަދު ތޮލާލު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން، މިނިސްޓްރީގައި ހުރި ޑޮކިއުމެންޓްތައް ވަނީ ކޮމިޓީއަށް ނަގައިފައި ކަމަށެވެ. އެހެންނަމަވެސް "ކުއްލި ކުއްލިއަށް" ބައެއް ޑޮކިއުމެންޓްތައް މިހާރުވެސް ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އޭގެ މާނައަކީ ބައެއް ޑޮކިއުމެންޓްތައް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސް، އެތަން ސެކިޔޯ ކުރުމަށްފަހުގައިވެސް އެކި ހިސާބުތަކުން ވަރަށް ބައިވަރު އިތުރު ޑޮކިއުމެންޓްތައް، އިތުރު ފޯމްތައް ފޮށިފޮށިގަނޑަށް އަޅާފައި ހުއްޓާ ފެންނަމުން ދާކަންވެސް ފާހަގަކުރަން،" ތޮލާލު ވިދާޅުވިއެވެ.

ފޯމުތައް ފެންނަމުންދާ ވަރަކުން ކޮމިޓީ މެންބަރުން އަންނަނީ އެ ފޯމުތައް ރައްކާތެރިތަނަކަށް ބަދަލުކުރަމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ކޮމިޓީން ބަލަމުން ގެންދަނީ "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް"ގެ މުއަމަލާތްތައް ކުރިއަށް ގޮސްފައިވާ ގޮތުގެ މައްސަލައެވެ. އެ ތިން މަޝްރޫއުގެ ތެރެއިންވެސް އެންމެ ބޮޑަށް ބަލަމުން ގެންދަނީ ހިޔާ މަޝްރޫއު ކުރިއަށް ގޮސްފައިވާ ގޮތުގެ މަސައްކަތް ކަމަށް ތޮލާލު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަސައްކަތަކީ އެ މަޝްރޫއުގައި ހިމެނޭ ފޯމްތަކުގެ މައުލޫމާތުތައް ނެގުމަށްފަހު އެ ފޯމުތައް ޝޯޓް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ބައެއް ފޯމްތައް ބަންޑަލް ކުރެވިފައި ވެސް ނެތް. މާނައަކީ އެކި ފޯމްތައް އެކި ތަންތަނުގައިވެސް ހުއްޓޭ،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟