އާމްދަނީގެ ގޮތުގައި 85 ހާސްރުފިޔާ ލިބޭ މީހުންނަށްވެސް ކުރީގެ ސަރުކާރުން ފްލެޓް އެވޯޑް ކޮށްފައިވާ ކަމަށް އެކަންކަން ބެލުމަށް އެކުލަވައިލައްވައިފައިވާ ކޮމިޓީން ބުނެފި އެވެ.
ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ގޮތް ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު ފާތިމަތު ރަޝީދާ ވިދާޅުވީ 85،000 ރުފިޔާގެ މުސާރަ ލިބޭ އާއިލާއަކީ ދެމަފިރީންގެ ކުޑަ އާއިލާއެއް ކަމަށެވެ.
އެފަރާތްތަކަށް ފްލެޓު އެވޯޑްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫއުގެ ދަށުންނެވެ.
އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަޔާން ކުރަން ޖެހޭ ބައިގައި އެއްވެސް މައުލޫމާތެއް ޖަހާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެފަދަ ފޯމަކަށްވެސް ވަނީ ދިރިއުޅުމުގެ ހާލަތުގެ ބައިން ފުރިހަމަ މާކްސް ލިބިފައި ކަމަށް ރަޝީދާ ފާހަގަކުރެއްވި އެވެ.
"އެކަމު މިއަށްވުރެ ދިރިއުޅުމުގެ ހާލަތު ނިކަމެތި ފަރާތްތައްވެސް އެބަހުރި [ފޯމް ހުށަހަޅާފައި]ކަން ފާހަގަކުރެވިފައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.
ފާތިމަތު ރަޝީދާ ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓްކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން ގެންދާ ކަމަށެވެ.