މާލޭގެ މިސްކިތްތަކަށް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް އަންނަ މަހު ހާއްސަ ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.
މާލޭސިޓި ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ މުނާސަބަތުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ އަކީ ތަރައްގީވެފައިވާ ޗާލު ސިޓީ އަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ މިސްކިތްތައް މަރާމާތު ކުރުން ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހު ހާއްސަ ޓެލެތޯނެއް ބާއްވާނެ ކަމަށެވެ. އެގޮތުން ސަލްޓަން ޕާކުގައި މިސްކިތްތަކަށް ހާއްސަ ސްޓޯލެއް ގާއިމު ކުރާނެ ކަމަށާއި މިސްކިތްތަކަށް އެހީވާން ބޭނުންވާ މީހުންނަށް ނަގުދު ފައިސާ އާއި އޮންލައިންކޮށް ވެސް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ޓީވީތަކުގެ އެހީގައި ޓެލެތޯނެއްގެ ގޮތުގައި ފޯރަމެއް ކުރިއަށްގެންދާނެ ކަމަށާއި މާލޭގެ ހުރިހާ ރައްޔިތުންނާއި ހުރިހާ ވިޔަފާރިވެރިން އެކަމަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި ޓެލެތޯން ހަރަކާތަކީ މިސްކިތްތައް ސިޓީ ކައުންސިލާ ހަވާލުކޮށްފައިވީ ނަމަވެސް އެކަމަށް ބަޖެޓު ދީފައި ނުވާތީ ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.
ކުރިއަށް އޮތް ރަމަޟާން މަސް އަންނަން ވާއިރަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު މާލޭ ސިޓީގައި ހުރި 42 މިސްކިތް އެއްކޮށް މަރާމާތުކޮށް ނިންމާލުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.