ކައިވެނި ނުކޮށްތިބި މީހުންނަށާއި ދެމަފިރީންނަށާއި ދެބަފައިންނަށްވެސް ފްލެޓް ދީފައި އެބަހުރި ކަމަށް ބޯހިޔާވަހިކަމަށް ފްލެޓް ދޫކޮށްފައިވާ ކަންތައްތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ކޮމިޓީިން ދެންމެ ބުނެފި އެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މެންބަރު ފާތިމަތު ރަޝީދާ ވިދާޅުވީ ފޯމުތައް އިވެލުއޭޓް ކުރަމުން އަންނަ ކަމަށާއި ކުރިއަށްދާ ވަރަކުން މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.
މިހާރު ބަލަމުން އަންނަ އެއް ކެޓަގަރީ ކަމަށްވާ "H10" ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކަށް އެވޯޑްކުރެވޭ ފްލެޓުތަކުގެ ބަޔާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރަޝީދާ ވިދާޅުވީ އެ ކެޓަގަރީގެ ތެރޭގައިވެސް ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެބައިން ބައްޕައަކާއި ދަރިފުޅަކަށްވެސް ފްލެޓް އެވޯޑް ކުރެވިފައި. ދަރިފުޅަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް. އެކުއްޖާވެސް ވަކީން އެބައިން 18 އަހަރުން މަތީގެ ބައިން ފޯމް ހުށަހަޅާފައި. ފުލް މާކްސް ލިބިފައި. ހަމަ އެއް ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން ބައްޕަ އާއި ދަރިފުޅަށް ފްލެޓް ލިބިވަޑައިގެންފައި މި އޮންނަނީ،" އޭނާ ވިދާޅުވިއެވެ.
އެފަދަ ކޭސްއެއްގައި ފްލެޓް ދޫކޮށްލާނެ ފަރާތެއް އެނގެން ނެތް ކަމަށް ރަޝީދާ ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން ދެމަފިރިއަކަށްވެސް ފްލެޓް ދީފައިވާ ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތު ބަޔާންކޮށްފައި ނެތް ނަމަވެސް އެބައިން ފުރިހަމަ މާކްސް ލިބިފައިވާ ކަމަށެވެ.
އެހެންނަމަވެސް ދެމަފިރީންގެ ތެރެއިން ނަމަ ކޮންމެވެސް އެއް ފަރާތަކަށް ފްލެޓް ދޫކޮށްލަން ޖެހޭކަން ގަވާއިދުން އެނގޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝީދާ ވިދާޅުވީ ހިޔާ ޕްރޮޖެކްޓުން ފްލެޓް ދިނުމުގައި ކައިވެނިކޮށްގެން ހުރުން ގަވައިދުން ލާޒިމްކުރާ ކަމަށާއި އެހެން ނަމަވެސް ވަރިވެފައި ހުރި މީހަކަށް ވެސް ފްލެޓް އެވޯޑުކޮށްފައިވާ ކަމަށެވެ.