ޚަބަރު

ދިރިއުޅުގެ ހާލަތު ބަޔާންކޮށްފައި ނެތީސް އެބަޔަށް ފުލްކޮށް މާކްސްދީފައި އެބަހުރި

އަހުމަދު ޖައިޝަން

ދިރިއުޅުގެ ހާލަތު ބަޔާންކޮށްފައި ނެތީސް އެބަޔަށް ފުލްކޮށް މާކްސްދީފައި އެބަހުރި ކަމަށް ވޭތުވެ ދިޔަ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ކަންތައް ދިޔަގޮތް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލައްވައިފައިވާ ކޮމިޓީން ބުނެފި އެވެ.

ފްލެޓުތަކުގެ މައްސަލަތައް ބަލާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު ފާތިމަތު ރަޝީދާ ވިދާޅުވީ ފްލެޓު ދޭއިރު ދިރިއުޅުމުގެ ހާލަތަށް ބަލައި 60 ޕަސެންޓް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ހާލަތު އެއްވެސް ވަރަކަށް ބަޔާން ނުކޮށް ހުރި ބައެއް ފަރާތްތަކަށްވެސް ވަނީ 60 ޕަސެންޓު ފުލްކޮށް ލިބިފައި ކަމަށް ރަޝީދާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަކަށް އެއްވެސް ލިޔެކިޔުމަކުންވެސް އެނގޭކަށެއް ނެތް ކިހިނެއް ކަމެއް މި ހާލަތު އެސެސްކުރެވިފައި މިވަނީ،" އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މެންބަރު އަހުމަދު ތޮލާލު ވިދާޅުވީ ފޯމުތައް ބެލިއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ފޯމުތައް ތައްޔާރުކޮށްފައިވަނީ އިތުރު ބަޔަކު ފަހުން އެ ފޯމްތައް ބަލާއިރު އެއްޗެއް ނޭނގޭނެ ކަހަލަ ގޮތަކަށް ކަމަށެވެ.

އެގޮތުން މާކްސްތައް އެއްކޮށްލުމުން، މުޅި ޖުމްލަ ލިބެން ޖެހޭ ވަރަށްވުރެ ގިނައިން މާކްސް ލިބިފައިވާ ފޯމެއްވެސް ފެނިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.