ހިޔާ މަޝްރޫއުގެ ދަށުން ހައުސިންގ މިނިސްޓްރީއަށް ރައްޔިތުން ހުށަހެޅި ފޯމުތައް ހުރީ އެ މިނިސްޓްރީ ތެރެއަށް އުކާލައިފައި ކަމަށް، ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވައިކަން ކުރިއަށް ގެންދިޔަ ގޮތް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ކޮމިޓީން ބުނެފި އެވެ.
ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ މެންބަރު އަހުމަދު ތޮލާލު ވިދާޅުވީ ހައުސިން މިނިސްޓްރީގައި ހުރި ހިޔާ މަޝްރޫއާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ވަނީ ކޮމިޓީ މެމްބަރުންގެ ހާޒިރުގައި ވަކި ތަނެއްގައި ރައްކާކުރެވި އެތަނުގެ ތަޅުދަނޑި ކޮމިޓީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
"މި ރައްކާކުރި ފޯމްތައް، މި ބުނަނީ ތަނަކަށް ގެނެސް ބެހެއްޓުމެއް ނޫން. އެ ޕްރޮސެސްގެ ތެރޭގައި ހިމެނޭ ފޮށިތަކުގައި ހުރި ފޯމްތައް ގުނައި މަދުވާ ފޯމްތައް ކަށަވަރުކޮށް ފޯމްތަކުގެ ޖުމްލަ އަދަދު އަޅުގަނޑުމެންގެ އިންވެންޓްރީއެއްގައި ނޯޓްކުރެވިގެން އަޅުގަނޑުމެންނަށް ވަނީ މަސައްކަތް ފެށިފައި،" އޭނާ ވިދާޅުވިއެވެ.
ތޮލާލު ވިދާޅުވީ "h8" އާއި "h10" އަދި "h7"ގެ ފޯމްތައް ވަނީ މިހާރު ކޮމިޓީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި ފޯމްތައް އެކި ތަންތަނަށް އުކާލެވިފައި ހުރުމުގެ ސަބަބުން ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހައުސިން މިނިސްޓްރީއަށް ފޯމުތައް ނަގަން ދިޔައިރު މި އެއްޗެހި ހުރީ އެއްވެސް ވަރަކަށް ތަރުތީބެއް ނެތި. އޭގެތެރެއިން އަޅުގަނޑުމެން މި ޖެހެނީ ލިބޭ އެއްޗެހި ޝޯޓްކޮށްގެން މަދުވާ ފޯމްތައް ބަލަން. ބައެއް ފޯމްތައް ނެތް ބަންޑަލްވެސް ކުރެވިފައެއް،" ތޮލާލު ވިދާޅުވިއެވެ.