ޚަބަރު

ބަންގްލަދޭޝް ރައްޔިތުން ވަޒީފާ ހޯދަން ރާއްޖެ ނައުމަށް އެގައުމު ސަރުކާރުން އިލްތިމާސްކޮށްފި

އަހުމަދު ޖައިޝަން

3

ބަންގްލަދޭޝްގެ ރައްޔިތުންގެ ވަޒީފާ ހޯދުމަށްޓަކައި ރާއްޖެ ނައުމަށް އެގައުމުގެ މިނިސްޓްރީ އޮފް އެކްސްޕޭޓްރިއެޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމެންޓުން އިލްތިމާސްކޮށްފި އެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ނިއު އޭޖް"އިން ބުނެފައިވަނީ ރާއްޖެއަށް ވަޒީފާ ހޯދުމަށް ނައުމަށް އެދިފައިވަނީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން ފޮނުވާފައިވާ ބައެއް މައުލޫމާތުތަކުގެ މައްޗަށް ބަލައިފައި ކަމަށެވެ. އެ މައުލޫމާތު ތަކުގެ ތެރޭގައި ރާއްޖޭގައި ބަންގްލަދޭޝް މީހުންނަށް ދިމާވާ މައްސަލަތަކާއި ވަޒީފާގެ މާހައުލުގައި ހުރި ބައެއް ކަންކަން ފާހަގަކޮށްފައިވެ އެވެ.

އެ މިނިސްޓްރީއާ ހަވާލާދީ ނިއު އޭޖްއިން ބުނެފައިވަނީ މިނިސްޓްރީގެ ނިންމުމާ ގުޅިގެން ބަންގްލަދޭޝް ރައްޔިތުން ރާއްޖެ ހިޖުރަކުރުމަށް ފުރުސަތުތައް ހަނިވާފަދަ ގަވާއިދުތަކެއް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ވަނީ ގައިމުކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތެރީން ރާއްޖެއަށް ހިޖުރަ ކުރުން އެއްކޮށް މިހާރުން ފެށިގެން ހުއްޓާލަން ޖެހޭ،" މިނިސްޓްރީގެ އޮފިޝަލަކު ނިއު އޭޖަށް ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން މަސައްކަތްތެރީން ފޮނުވާ އޭޖެންސީތަކުންވެސް އެ މަސައްކަތް ކުރުން ހުއްޓުވުމަށް އެ އޮފިޝަލު ވަނީ އެދިވަޑައިގެންފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟