ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި އަދި ބައެއް މުއައްސަސާތަކުން ބަޖެޓަށް ޖުމުލަ 73.8 މިލިއަން ރުފިޔާ އިތުރުކޮށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 36.99 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން ފެންނަ ކަމަށް ވޯޓުދެއްވި 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. ބެޖެޓު ފާސްކުރުމަށް ބޭނުންވަނީ 37 މެންބަރުންގެ ވޯޓެވެ.
ބަޖެޓު ފާސްކުރުމަށް ވޯޓަށް އެހިއިރު އިދިކޮޅު ކޯލިޝަންގެ މެންބަރުން "މިއީ ފާސްކުރަން ހެޔޮވާވަރުގެ ބަޖެޓެއް ނޫން، އިއްޒަތެރި ރައީސް އަޅުގަނޑުމެން މި ދަންނަވަނީ މި ބަޖެޓު ފާސް ނުކުރާށޭ" ވިދާޅުވަމުން ގެންދެވިއެވެ. އެ ވާހަކަތަކަށް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވެސް ރައްދު ދެއްވަމުން ގެންދިޔުމުގެ ސަބަބުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ދެ ފަހަރެއްގެ މަތިން މެންބަރުންގެ ކާޑު ޗެކްކުރައްވަން ވެސް ވިދާޅުވާން ޖެހުނެވެ.
ބަޖެޓު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓުގައިވާ 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބެލުމަށްފަހު ބަޖެޓު ކޮމިޓީން ފާސްކުރި ގޮތަށް އެއްވެސް އުނިއިތުރެއް ނުގެނެހެވެ. ބަޖެޓަށް އިތުރު 73 މިލިއަން ރުފިޔާ އިތުރުކުރަން ނިންމީ ބަޖެޓު ކޮމިޓީންނެވެ. ބަޖެޓަށް އިތުރުކުރި 73.8 މިލިއަން ރުފިޔާއަކީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ އިތުރުން ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް 16.4 މިލިއަން ރުފިޔާއެވެ.
ބަޖެޓް އިތުރު ކުރަން ފާސްކުރި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)، ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްޕީއޭ)، އިންތިގާލީ އިންސާފުގެ އޮފީސް (އޮމްބަޑްސްޕާސަން އޮފީސް)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނެއެވެ.
އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސް ކުރަން ޖެހޭ 35.7 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ހޯދަން ޖެހޭ ފައިނޭންސިންގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވާފައެވެ.