ޚަބަރު

ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ ވިސާގެ އެގްރީމަންޓަށް މާޗް 11އިން ފެށިގެން އަމަލުކުރަން ފަށަނީ

މަރިޔަމް ޝަހުދާ

ރާއްޖެއާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާގެ އެގްރީމަންޓަށް މިއަހަރުގެ މާޗް 11އިން ފެށިގެން އަމަލު ކުރުމަށް އެއްބަސް ވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރުމަހުގެ ތެރެއިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެއްބަސްވި މިއެއްބަސްވުމަށް މާޗް 11އިން ފެށިގެން އަމަލު ކުރަންފަށާނީ މިކަމަށް ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއުތަށް ފުރިހަމަ ކުރުމަށް ފަހުކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީއިން ހާމަކުރިގޮތުގައި މި އެއްބަސްވުމަކީ ދެގައުމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދެގައުމު ދޭތެރޭ ދަތުރު ފަތުރުކުރުމަށާއި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

ފާއިތުވި ޑިސެމްބަރު މަހު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ވިސާގެ އެކި ކަހަލަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން ބޭސްފަރުވާ އާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.