ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ ބާތިލް ކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން މާދަމާ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ގާނޫނީ ވަކީލު އަބްދުލްމާނިއު ހުސައިނެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:15ގައި ބާއްވާ ގޮތަށެވެ. އެ މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދާއާއެކު ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާއަށް ވާދަކުރެއްވި ޖާބިރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯއްދެވީ އަބްދުﷲ ރިފްއަތެވެ. ޖާބިރަށް 203 ވޯޓު ލިބިވަޑައިގެންނެވި އިރު، ރިފްއަތަށް ލިބިވަޑައިގެންނެވީ 426 ވޯޓެވެ.
ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ޕީޕީއެމް އިސްވެ އޮވެ، މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.