ޚަބަރު

މިސަރުކާރުން މަސައްކަތް ކުރަނީ މިނިވަންކަން ނަގާލުމަަށް ޖަހާފައިވާ މަޅިތަކުން ރާއްޖެ ސަލާމަތްކުރުމަށް: ނަޝީދު

އިބްރާހިމް ޒަކީ

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަަށް ޖަހާފައިވާ މަޅިތަކުން ރާއްޖެ ސަލާމަތްކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ދިވެހި ރައްޔިތުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރީ، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފައްތަރަކަށް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ ގެންދިއުމުން އެކަމާ ކަންބޮޑުވެ ކެތްތެރިކަން ކޮޅުންލައިގެން ކަމަށެވެ.

ނަމަވެސް ރައްޔިތުން އިންތިހާބު ކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ އެމަޅިތަކުން ނައްޓުވައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަލުން ހޯދުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"ސަރުކާރު މަސައްކަތްކުރަމުން މިދަނީ، ދިވެހި ރާއްޖެ އަލުން އަނބުރާ، މި ދެންނެވި މަޅިތަކުގެ ތެރެއިން ނައްޓުވައި އަޅުގަނޑުމެންގެ މިނިވަންކަމާއި އަަޅުގަނޑުމެންގެ އިސްތިގުލާލު އަލުން ހޯދުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން ރާއްޖެއަށް ހޯދި ޗައިނާގެ ބޮޑެތި އެހީތަކަކީ ރާއްޖެ މިނިވަން ކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންތައްތަކެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟