އިބްރާހިމް ޒަކީ
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު މަސައްކަތް ކުރައްވާފައިވަނީ، ރާއްޖޭގެ މިނިަވަންކަމާއި އިސްތިގުލާލަށް ބުރޫއަރާގޮތަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، ބޮޑެތި އަދަތުތަކުގެ ލޯނު ޗައިނާއިން ނަންގަވައި، ކުރެއްވި މަސައްކަތްތަކުން ލިބުނު އާމްދަނީ އަކީ އެ ލޯނުތަކާ އެއްގޮތަކަށްވެސް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.
އަދި އެ ލޯނުތައް ދެއްކޭވަރު ނުވުމުން ޗައިނާއިން އެދެނީ އެ ޕްރޮޖެކްޓުގެ ހިއްސާ ކަމަށާއި އެހިސާބުން ގެއްލިގެންދާނީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތުކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ބޮޑެތި އަދަތުތަކުގެ ލޯނު ޗައިނާއިން ނަންގަވައި އެލޯނުތަކުން ހިންގި މަސައްކަތްތަކަކީ ހަގީގަތުގައި ނެގި ލޯނުގެ އަދަދާ އެއްގޮތަކަށްވެސް ބައްދަލު އަދަދުތަކެއް ނޫން. އެހެންވީމާ މި މަސައްކަތްތަކުން އުފެއްދި ހަރުމުދަލުން ނެރެވޭ ފައިދާއިން ލޯނު ނުދެއްކޭ. ލޯނު ނުދެއްކުމުން ޗައިނާ އެދެނީ ހިއްސާއަށް. އެ ހިއްސާއާ އެކީގައި ގެއްލިގެންދާނީ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް އިންޑިއާ ކަނޑުގެ އެތައް ގައުމެއްގައި ކަން ހިނގާފައިވާ ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުންވެސް އެގޮތަށް ކަންތައް ހިންގައި ކަނޑައެޅިގެން ރާއްޖޭގެ މިނިވަންކަން ގެއްލޭ ފައްތަރަށް ރާއްޖެ ގެންގޮސްފައިވާ ކަމަށެވެ.