ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަހައްޓަން ޖެހޭ މިންވަރާއި އިންތައް ވަރަށް ސާފު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފުރާވަޑައިގަތުމުގެ ކުރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާގެ ގުޅުން ބަދަހިވުމަކީ އިންޑިއާ ކަނޑުގެ ސުލްހައަށް މުހިއްމު ކަމެއް ކަމަށެވެ.
"އެއްވެސް ހާލެއްގައި ދިވެހި ރާއްޖޭގެ މިނިވަންކަމަށް، ދިވެހި ރާއްޖޭގެ އިސްތިގުލާލަށް ކުޑަވެސް ބުރުލެއް އަރައިގެން ނުދާނެ ކަމީ އަޅުގަނޑުމެންގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ބޭނުންތަކާއި ރައްޔިތުންގެ އުއްމީދުތައް އެމްޑީޕީއަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސާފު ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކީ ދިވެހި ސަރުކާރުން އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުން. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ދިރިއުޅުންވާނެ ގޮތްތައް ހޯދުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.