އަލީ ޔާމިން
ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުގައި ބައެއް މާއްދާތަކުން ދިވެހި ފަސް ދަރިވަރަކު ދުނިޔެއިން އެއްވަނަ ހޯދައިފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ސާނަވީ ތައުލީމު ހާސިލުކުރި ދަރިވަރުންގެ ތެރެއިން ރަންވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސާނަވީ އިމްތިހާނުން ރާއްޖެއިން އެއްވަނަ ހޯދި ދިހަ ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދި ދިވެހި ފަސް ދަރިވަރެއްގެ އަގުވަޒަންކޮށް އިމާނާއި އެވޯޑް ދީފައެވެ.
އެ ދަރިވަރުންނަށް އެވޯޑާއި އިނާމުދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުންނަށް ވަނީ، އެޑިއުކޭޝަން މިނިސްޓްރީން ދޭ ހަނދާނީ ލިޔުމާއި އެވޯޑާއި ކެމްބްރިޖް އިންޓަނޭޝަނަލް އެކްޒަމިނޭޝަނުން ދޭ ސެޓްފިކެޓާއި ގަލަން، އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލާއި އިނާމު ލިބިފައެވެ. ރާއްޖޭގެ އެއްވަނަ ހޯދި ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ހަނދާނީ ލިޔުމާއި އެވޯޑުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ވަނީ ލިބިފައެވެ.