ޚަބަރު

މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށް ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ މަތިވެރި މަސްލަހަތު: އަލީ ޒާހިރު

އިބްރާހިމް ޒަކީ

2

މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށް ދެމެހެއްޓުމަކީ، ސަރުކާރުގެ އެންމެ މަތިވެރި މަސްލަހަތު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަން އަތުލައި ގައުމަށް އަވައްްޓެރި އިންޑިޔާއިން މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަ ދައްކަވާފައި ވަނިކޮށް، އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަކީ، ސިޔާސީ ބޭނުމަށް ބަޔަކު، ހަގީގަތް ނޭނގި ތިބެ ދައްކާ ހިޔާލީ ވާހަކައަކަށް ބިނާވެފައިވާ އެއްޗެއް ނޫން ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަކީ، ސިޔާސީ ބޭނުމަށް ބަޔަކު، ހަގީގަތް ނޭނގި ތިބެ ދައްކާ ހިޔާލީ ވާހަކައަކަށް ބިނާވެފައިވާ އެއްޗެއް ނޫން. އެއީ އެއަށްވުރެ މާ ސާފު މާ ހަރުދަނާ އެއްޗެއް. މިނިވަންކަމާއި ސިޔާދަތު، ކަށަވަރުކޮށް ދެމެހެއްޓުން އެއީ ސަރުކާރުގެ އެންމެ މަތިވެރި މަސްލަހަތު،" އަލީޒާހިރު ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން އިސްތިއުފާ ދެއްވި ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޯސްޓުގައި މިއަދު ލިޔުއްވާފައިވާ ލިއުއްވުމެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތަކުގެ ތެރޭގައި ހިމެނޭ، ހެލިކޮޕްޓަރާއި ރާޑަރުފަދަ ތަކެއްޗަކީ ރާއްޖޭގެ މިނިވަންކަން އަތުލާދުވަހު ދިވެހިންނާ ދެކޮޅަށް ބޭނުންކުރާނެ ވަސީލަތްތަކެއް ކަމަށެވެ.

އަދި އިންޑިއާއިން މިހާރު ވަނީ ދިވެހިން ހިމޭން އަޅުވެތި ކުރުމެއް ކޮށްފައި ކަމަށާއި ދިވެހިންނަށް ހޭލެވޭއިރު އޮންނާނީ ފިލްމު ނިމިފައި ކަމަށްވެސް އުމަރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟