ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހު 25ގައި ފަށަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިމަހު 25 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމަވައިފި ކަމަށެވެ. މަޖިލީހުގެ ރައީސް މިގޮތަށް ނިންމެވީ، ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒުވެސް ވަނީ މިމަހުގެ 25އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ޕާޓީތަކުުގެ ޕީޖީ ލީޑަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މިމަހު 25އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވާފައި ވަނީ، މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ދަރުބާރުގޭގައި އެދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ވަނީ ރިޔާސީ ބަޔާން އިއްވަވައިފަ އެވެ.
މަޖިލީހުގެ ބައެއް މެންބަރުން ފާހަގަ ކުރައްްވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށިގެން ދާއިރު އެ މަޖިލީހުން އެންމެ ފުރަތަމަ ކުރާނެ މަސައްކަތްތަކުގެ ތެރޭގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ކޮމިޓީތަކަށް ގާނޫނީ ބާރު ދޭ ބިލްތައް ފާސްކުރުން ހިމެނެ އެވެ.
ނަމަވެސް މިމަހު 25ގައި ބާއްްވާ ޖަލްސާގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދިދީ ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެން އެކަމަނާއާ ސުވާލު ކުރުމަށްވެސް އިދިކޮޅު މެންބަރުން ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން، ހިޔާ މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓްތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އާއި ވެސް ވަނީ ސުވާލު ކުރަން ހަމަޖެހިފަ އެވެ.