ސްރީލަންކާގެ 71ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ލަންކާގެ 71ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީން ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
ލަންކާގެ މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވި އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ވަނީ ދެގައުމު ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުމަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި އެގުޅުން އިތުރަށް ވަރުގަދަކުރުމުގެ މައްޗަށް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
ހަފްލާގައި ވަހަކަފުޅުދައްކަވަމުން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދިވެހީންނާއި ލަންކާ މީހުންނާ ދެމެދު އުފެދިފައިވާ ގުޅުމަށް އަލިއަޅުވައިލައްވައިފައެވެ. ހާއްސަކޮށް ކާބަފައިންގެ ދުވަސްވަރު ދިވެހިން ލަންކާއަށް ދަތުރުކޮށް އަދި ލަންކާ މީހުން ރާއްޖެ ދަތުރުކޮށް އުފެދުނު އިގްތިސާދީ ގުޅުންތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފަ އެވެ.
ސްރީލަންކާގެ 71ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ހަފްލާގައި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ދިވެހި ފޮރިން މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ގިނައަދަދެއްގެ ބަޔަކުވަނީ ބައިވެރިވެފައެވެ.