ޚަބަރު

ހޭނައްތާ ޑޮކްޓަރުން ނުލިބޭތީ މުސާރަ ބޮޑުކޮށްފި

އައިޝަތު ނިއުޝާ

ހޭނައްތާ ޑޮކްޓަރުން ލިބުމުގެ ދަތިކަން ހޮސްޕިޓަލުތަކަށް ކުރިމަތިވާތީ އެކަން ހައްލުކުރުމަށް، އެ ޑޮކްޓަރުންގެ މުސާރަ ވަގުތީ ގޮތުން ބޮޑުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އަތޮޅުތަކަށާއި، ރީޖަނަލް ހޮސްޕިޓަލް ތަކަށް ހޭނައްތާ 10 ޑޮކްޓަރަކު މި ވަގުތަށް ބޭނުންވާ ކަމަށެވެ. އެގޮތުން އަށް ޑޮކްޓަރުންނާ މިހާރު އިންޓަވިއު ކުރަމުން އަންނަ ކަމަށެވެ.

ބައެއް ހޮސްޕިޓަލުތަކުގައި ހޭނައްތާ ޑޮކްޓަރުން ނެތުމުގެ ސަބަބުން އޮޕަރޭޝަންތައް މިހާރު ވެސް ވަނީ މަޑުޖެހިފަ އެވެ. އޭގެ ތެރޭގައި ރ، ގއ، ގދ، މ. އަދި ލ. އަތޮޅުގެ ހޮސްޕިޓަލުތައް ހިމެނެއެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ ގއ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، ހޭނައްތާ ޑޮކްޓަރުން ހޯދަން މިހާރު ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ކޮވިޑް އާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކަށް ކޮވިޑް އައިސީޔޫ ތަކަށް ޑޮކްޓަރުން ބޭނުން ވުމާ ގުޅިގެން އެތައް ޑޮކްޓަރުންނެއް އިސްތިއުފާދީ ގޮސްފައިވާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުވެސް ވަނީ ގޮސްފައި ކަމަށެވެ. ހޭނައްތާ ޑޮކްޓަރެއް ނެތުމުން އޮޕަރޭޝަންތައް ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓްރީން ބުނީ ލަސްތަކެއް ނުވެ އެ ހޮސްޕިޓަލުތަކަށް ހޭނައްތާ ޑޮކްޓަރުން ފޮނުވާނެ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެ ޑޮކްޓަރުންގެ މުސާރައަށް ވަގުތީ ބަދަލެއް މިހާރު ގެނެސްފައިވާނެ ކަމަށެވެ. އަދި ޑޮކްޓަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނަމަވެސް އެއީ ދާއިމީ ކަމެއް ނޫން ކަމަށާއި ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ހޭނައްތާ ޑޮކްޓަރުންގެ މުސާރަ ކުރިއަށް އޮތް ހަތަރު މަހަށް ބޮޑުކޮށްފައިވާއިރު، ހޭނައްތާ ޑޮކްޓަރަކަށް މުސާރައިގެ ގޮތުގައި މަހަކު 30،990ރ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 425ރ. ގެ އެލަވަންސަކާއެކު ކޮންމެ މަހަކު 39،000ރ. އަށް ވުރެ ގިނައިން ލިބެއެވެ.