ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މަޖިލީހަށް މެންބަރުން ހޮވަން އުޅެނީ އެމީހުން މުއްސަނދި ކުރާކަށް ނޫން: މައުމޫން

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އުޅެނީ އެމީހުން މުއްސަނދި ކުރަން ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ރޭ ޝީ ބިލްޑީންގުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މަޖިލީހަށް ވަޑައިގެންނެވި އިރު އަތުގައި އެއްވެސް މުދަލެއް ނެތް ބައެއް މީހުން މިހާރު މުއްސަނދިވެފައިވާ ކަމަށެވެ.

އެގޮތުން މަޖިލީހަށް ވަޑައިގެންނެވި އިރު އަތުގައި އެއްވެސް މުދަލެއް ނެތް ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުންފުނިތައް ހަދައި ބޮޑެތި ވިޔަފާރިތަކާއި ބޮޑެތި އިމާރާތާއި ބިންތައް މިލްކު ކުރާތަން ފެންނަ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ މަޖިލީހަށް ހޮވަން އުޅެނީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ބޮޑު އަމާނާތާ އެކުގައި ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަކީ ގައުމަށާއި ރައްޔިތުންނަށް ހިދުމަތްކުރަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާ މީހަކަށް ވާން ޖެހޭ ކަަމަށް މައުމޫން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މައުމޫން ވިދާޅުވީ ވަކި ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށާއި މިއީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އަދި ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ އޮތުން މުހިންމު ނޫން ކަމަށާއި ބޭނުންވަނީ ކޯލިޝަނަށް މެޖޯރިޓީ ލިބުން ކަމަށެވެ.