އިބްރާހިމް ޒަކީ
ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް 2017 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ ޓެލެތޯނަށް ފައިސާ ހޯދުމަށް ގައުމީ ފުޓުބޯޅަ ޓީމު ހިމަނައިގެން އެފްއޭއެމުން ކުރިއަށްގެންދިޔަ ޗެރިޓީ ފުޓްބޯޅަ މެޗުތަކުން ލިބުނު ފައިސާއިން ހަރަދުކުރި ގޮތް އެނގިފައި ނުވާ 377،593 ރުފިޔާ އަނބުރާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޔޫތު މިނިސްޓްރީއަށް އަންގާފައިވާކަން ހާމަވެއްޖެއެވެ.
އެކަން ހާމަވީ އެ ފައިސާ ހޯދުމަށް މިނިސްޓްރީއަށް އަންގާފައިވާ ކަމަށްބުނެ އޭސީސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމުންނެވެ.
މިއަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ 30 ވަނަ ބައްދަލުވުމަށް އޭސީސީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރޮހިންޔާ މުސްލިމުންނަށް އެެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގި ހަރަކާތަށް ފައިސާ ހޯދުމުގެގޮތުން އެފްއޭއެމްގެ ފަރާތުން ކުރިއަށްގެންދިޔަ ޗެރިޓީ ފުޓްބޯޅަ މެޗުގައި ބައިވެރިވި ބައެއް ކުޅުންތެރިންގެ ޖޯޒީ އާއި ބޫޓާއި ބޯޅައިގެ އިތުުރުން އެ މެޗުތަކާއި އެހެނިހެން ތަކެތި ސްޕޮންސާކޮށްގެން ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް ލިބިފައި ނުވާ ކަމަށެވެ.
އަދި އެ ހަރަކާތުން ލިބުނު ކަމަށް ބުނާ ފައިސާގެ ތެރެއިން ބައެއް ހަރަދު ކުރެވިފައިވާ ކަމަށް ބުނެފައިވާ އިރު، އޭގެ ތެރެއިން 377،593 ރުފިޔާ ހަރަދުކުރި ގޮތް އެނގެން ނެތްކަން އެ ކޮމިޝަނުން ކުރި ތަހުގީގުން އެނގޭ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އެހެންކަމުން އެ ފުޓްބޯޅަ މެޗުތަކާ ގުޅިގެން ލިބެންޖެހޭ ފައިސާގެ އަނބުރާ ހޯދުމަށް ޔޫތު މިނިސްޓްރީއަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލައާ ބެހޭގޮތުން ހިޔާލު ފާޅުކުރުމަށް ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ހުޅުވައިލެއްވި ނަމަވެސް އެކަމާ ބެހޭގޮތުން މެންބަރުން ވާހަކަދައްކަވައިފައެއް ނުވެއެވެ.
އެހެންކަމުން އެ މައްސަލަ ކޮމިޓީގެ ރެކޯޑުގައި ފައިލް ކުރުމަށާއި، އެ މައްސަލަ ކުރިއަށްދާގޮތް މޮނިޓާކޮށްލުމަށް ކޮމިޓީގެ ސެކްރެޓޭރިއަޓަށް އަންގާ ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.