ޚަބަރު

އިލެކްޝަނަށް ބަލައިނުގަތް 10 ފޯމުގެ ތެރެއިން 5 ފޯމު އަލުން ހުށަހަޅައިފިން: އެމްޑީޕީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަލުރުމަށް އެމްޑީޕީން ހުށަހެޅި، 86 ފޯމުގެ ތެރެއިން އިލެކްޝަން ކޮމިޝަނުން ބަލައިނުގަތް 10 ފޯމުން ފަސް ފޯމު އަލުން އިލެކްޝަނަށް ފޮނުވައިފި އެވެ.

އެމްޑީޕީ މަޖިލިސް 19، ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފު މިއަދު ވިދާޅުވީ، މައުމޫލާތު ފުރިހަމަ ނުވާކަމަށްބުނެ އިލެކްޝަންސް ކޮމިޝަނަށް ބަލައި ނުގަނެ ފޮނުވާލި 10 ކެނޑިޑޭޓުންގެ ފޯމުތަކުގެ ތެރެއިން ފަސް ފޯމު އަލުން އިލެކްޝަންސް އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ދެން އޮތް ފަސްފޯމު ވީ އެންމެ އަވަހަކަށް އިލެކްޝަންސް އަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މައްސަލަ ޖެހުނު ފޯމުތަކުގެ ތެރެއިން ބަލައިނުގަނެ 10 ފޯމެއް މައުލޫމާ ފުރިހަމަ ނުވެގެން ފޮނުވައިލި. މައުލޫމާތު ފުރިހަ ކުރުމަށްފަހު މިހާރު އެތަނު ފަސް ފޯމެއް ވަނީ އިލެކްޝަނަށް ހުށަހަޅައިފަ. ބާކީއޮތް ފަސް ފޯމުވެސް މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ވީހާ އަވަހަކަށް އިލެކްޝަނަށް ފޮނުވަން މިދަނީ މަސައްކަތްކުރަމުން،" އަފްޝަން ވިދާޅުވި އެވެ.

އެމްޑީީޕީން ބޭއްވި މަޖިލިސް ޕްރައިމަރީއާ އެއްގޮތަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް ވާދަކުރަން އެމްޑީޕީ، ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހު ހަވަނަ ދުވަހު އެވެ.

އަދި ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އެ ފޯމުތައް ޗެކް ކުރުމަށްފަހު އިލެކްޝަނުން އެމްޑީޕިއަަށް ޖަވާބު ދީފައިވަނީ، މިމަހުގެ 10 ވަނަ ދުވަހުގަ އެވެ.

އެދުވަހު އިލެކްޝަނުން އެމްޑީޕީއަށް އަންގާފައިވަނީ މައުލޫމާތު ހަމަނުވާ 10 ފޯމު އަނބުރާ ފޮނުވާލުމަށްފަހު، މަޖިލީހަށް އެމްޑީޕީން ވާދަކުރުމަށް ހުށަހެޅި 76 ކެނޑިޑޭޓެއްގެ ފޯމު ބަލައިގެންފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ދާއިރާތަކެއްގެ ކެނޑިޑޭޓުންކަމެއް އިލެކްޝަންސް ކޮމިޝަނަކުންވެސް އަދި އެމްޑީޕީއަކުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.