ކޮރަޕްޝަންގެ އަމަލުތައް ހާމަކުރުމަށް ބާރުއަޅައި އެފަދަ އަމަލުތައް ރިޕޯޓުކުރާ މީހުން ހިމާޔަތްކުރުމަށް ބިލެއް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރުމަށް މިއަދު ވަނީ ޕޯޓަލެއް ވެސް ލޯންޗުކޮށްފައެވެ.
އެ ޕޯޓަލްއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް މައްސަލައެއް ހުށަހަޅާއިރު މައްސަލަ ހުށަހަޅަނީ ކާކުކަން ބުނެދޭން ނުޖެހޭނެ ކަމަށެވެ.
އަދި މައްސަލަ ހުށަހެޅީ ކާކުކަން އެނގިދާނެތީ އެކަމާ ބިރުގަނެ ޖެހިލުން ވާން ނުޖެހޭނެ ކަމަށްވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.