ޚަބަރު

މަތީމަގާމުތަކުގައި ތިބޭމީހުން ކޮރަޕްޝަނާ ދެކޮޅުނަމަ އެއްވެސް ރައްޔިތަކު ނާޖާއިޒް ގޮތުގައި ކަމެއްކުރާކަށް ނޫޅޭނެ: ރައީސް

އިބްރާހިމް ޒަކީ

މަތީ މަޤާމުތަކަށް އައިސް، ދައުލަތް ހިންގުމުގެ ޒިންމާ އުފުލާ މީހުންނަކީ، ކޮރަޕްޝަނާއި، ވައްކަމާއި، ޚިޔާނާތަށް، ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް ކަމަށްވާނަމަ، ނާޖާއިޒު ގޮތެއްގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރަން އެންމެ ރައްޔިތަކުވެސް މަސައްކަތެއް ނުކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން މިއަދު ފައްޓަވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށެވެ.

އަދި ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކުރެވިފައި ހުންނާންވާނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

"އެ ތަންތަނުން ޚިދުމަތްތައް ދޭންވާނީ ދުރާލައި ހަމަޖެހި، ޢާންމުކުރެވިފައި ހުންނަ އުސޫލުތަކުގެ ތެރެއިން. އެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، ކޮރަޕްޝަނާމެދު މި ސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، އިންތިޚާބީ މަޤާމުތަކަށާއި، ސަރުކާރުން އައްޔަނުކުރާ މަޤާމުތަކުގެ ބޭފުޅުންނަށް، އެންޓި ކޮރަޕްޝަނާއި، ގުޑް ގަވަރނަންސާ ބެހޭ ޕްރޮގްރާމެއް، ރައީސް އޮފީހުން މިހާރުވަނީ ހިންގަން ފަށާފައެވެ.

"ގުޑް ގަވަރނަންސް ޕްރޮގްރާމަކީ، ތިޔަބޭފުޅުންގެ މިނިސްޓްރީތަކާއި، އޮފީސްތަކުގެ ތެރޭގައި ހިނގާ، ކޮރަޕްޝަންގެ ޢަމަލުތައް ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމުގައި އެހީތެރިކަން ލިބޭނެ ޕްރޮގްރާމަކަށް ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން. މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި، ތިޔަ ހުރިހާ ވަޒީރުންގެ ފުރިހަމަ އެހީތެރިކަމަށް އަޅުގަނޑު އެދެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ދެ ދުވަހު ހިންގި ގުޑް ގަވަރނަންސް ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުންވެސް، މި ސިޔާސަތަށް ވަރަށް މުހިންމު ޚިޔާލުތަކެއް ވަނީ ލިބިފައެވެ.

އޭގެ ތެރޭގައި ޤައުމީ ފެންވަރުގައި އެކަށައަޅައި ތަންފީޒު ކުރެވިދާނެ ސިޔާސަތުތަކެއް ވަނީ ފާހަގަ ކުރެވިފަ އެވެ.

"އެފަދަ އެއް ސިޔާސަތަކީ، މަޞްލަޙަތު ފުށުއަރާ ކަންކަމުގައި ބައިވެރިނުވުމުގެ ސިޔާސަތު. ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަމަށް ފަރުވާއެއް ހޯދިދާނެ. އެފަދަ ދެވަނަ ކަމަކީ، ކުރިން މީހަކު އަދާކުރި މަޤާމެއްގެ ނުފޫޒު، ފަހުން އޭނާ ޢައްޔަނު ކުރެވޭ ވަޒީފާގެ މަސައްކަތަށް ފޯރުވުން ހުއްޓުވޭނެ މިންގަނޑެއް ކަނޑައެޅުން، އެފަދަ މިސާލެއް ދަންނަވައިލާނަން. އެއީ ކުރިންހުރި ވަޒީފާއިން ވަކިވިތާ ދެ އަހަރު ނުވަނީސް، ސަރުކާރުގެ ތެރެއިން ހިންގާ އެފަދަ މުޢާމަލާތެއްގައި ބައިވެރިނުވެވޭގޮތް ހެދުން. މިފަދަ ޤަރާރެއް، އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ދައުރުގައި ފާސްކޮށް، މިހާރު އަންނަނީ ތަންފީޒުވެސް ކުރަމުން،" ރައީސް ވިދާޅުވި އެވެ.