މާރާމާރީ

އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ތެރޭގައި ފިލާ ތިއްބައެވެ.

އައްޑޫ ސިޓީ މަރަދޫފޭދޫގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ފަހުން ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް އަދި 21 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ރޭގެ މާރާމާރީއާ ގުޅިގެން ފުރަތަމަ ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ފިލައިގެން ހުޅުމީދުއަށް ދިޔަތަނުން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މިހާރު އެ މައްސަލައިގައި ފުލުހުން ވަނީ ޖުމްލަ ހަ މީހުން ހައްޔަރުކޮށްފައެވެ.

ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނެއްގެ ހާލު ސީރިއަސްވެގެން އިތުރު ފަރުވާއަށް މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.

ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި ޒަހަމްތައް ލިބުނު ދެ ޒުވާނުންގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާގެ ބޮލަށާއި މޭމައްޗަށް އަދި ބުރަކަށްޓަށް ހަމަލާ ދީފައިވާ ކަމަށެވެ.

ރޭ ހިންގި މާރާމާރީގައި ދެ ޒުވާނުންނަށް ހަމަލާދީފައިވަނީ ވަޅިއާއި ކަތިވަޅި އަދި ފުރޯ ފަދަ ތަކެތި ބޭނުންކޮށްގެންނެވެ.