ކުރީގެ ޗީފް އޮން ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމު އޭނާއަށްކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ކުށުގެ ދައުވާއަށް މިއަދު ކްރިމިނަލް ކޯޓުގައި އިންކާރުކުރައްވައިފިއެވެ.
ޝިޔާމުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށުގެ ދައުވާކުރަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ޝިޔާމް ހުންނެވި އިރު އޭނާގެ ބައްޕަ ގިނަ ދުވަސްތަކެއް ވަންދެން ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ބައިގައި ބެހެއްޓުމާއި ގުޅިގެންނެވެ.
އެ މައްސަލަ ބެލުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ޝިޔާމުގެ މައްޗަށް ދެ ދައުވާއެއް ކުރެއެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ނަހަމަގޮތުގައި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
މީގެ ކުރިން އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައި ޝިޔާމަށް ކުރެވޭ ދައުވާތައް ސާފުކޮށްދީ، ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތަށް ލިބިދޭ ހައްގުތައް ޝަރީއަތުން ވަނީ ސާފުކޮށްދީފައެވެ.
މިއަދުގެ އަޑުއެހުމުގައި ޝިޔާމުގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ، ޝިޔާމުގެ ފަރާތުން ދައުވާއަށް އިންކާރުކުރާ ކަމަށާއި، ދައުވާގައި ހުންނަން ޖެހޭ އުންސުރުތައް ފުރިހަމަ ނުވާ ކަމަށެވެ. އެހެންކަމުން ޝިޔާމުގެ މައްޗަށްކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާފު ނުވާ ކަމަށް ވެސް ހަމްޒާ ވިދާޅުވިއެވެ. މީގެ އިތުރުން ހަމްޒާ ވިދާޅުވީ ނަހަމަ ގޮތުގައި ޝިޔާމް ލިބިގަތީ ކޮން ފައިދާއެއް ކަން ދައުވާ ފޯމުގައި ބަޔާން ކޮށްފައި ނުވާ ކަމަށާއި، އޭނާ ހިލާފުވީ އެމްއެންޑީއެފްގެ ކޮން ގާނޫނަކާ ކަން ދައުވާ ފޯމުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.
ދިފާއުގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، އިބްތިދާއީ މަރުހަލާގައި ޝިޔާމު ވަނީ ދައުވާ ސާފުވެއްޖެ ކަމަށް ވިދާޅުވެފައި ކަމަށާއި، އަދި ތުހުމަތަކަށް އިންކާރުކޮށްފައި ކަމަށެވެ. އެހެންކަމުން އަލުން އެކަންކަމުގެ ވާހަކަ ދައްކަން ނުޖެހޭނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި ޝިޔާމުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކިވެސް ދައުލަތުން ވަނީ މިއަދު ހުށަހަޅައިފައެވެ.
މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ދެ ފަރާތުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ކަނޑައެޅުއްވީ ޝިޔާމުގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޝިޔާމުގެ ފަރާތުން މިއަދުގެ ޝަރީއަތުގައި ނިމިފައިވާ މަރުހަލާއެއް ތަކުރާރުކުރަން އުޅުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވެސް ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ކުށް ސާބިތުކުރަން ހެކި ހުށަހަޅާފައި ވުމުން ގާޒީ ހަސަން ސައީދު ވަނީ ދިފާއަށް ހެކި ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ލިޔުންތައް ކޯޓަށް ހުށަހަޅަން 15 ދުވަސް ދިނެވެ.