އިބްރާހިމް ޒަކީ
ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، "ޒިރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
ރައީސް ސޯލިހް މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމއިްޔާތުގައި ރައީސް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ޕޯޓަލެއް ވެސް އިފްތާހު ކޮށްދެއްވައިފަ އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ޕޯޓަލްގެ ޒަރީއާއިން ކާކުކަން ނޭނގޭ ގޮތަށް ކޮންމެ މީހަކަށް ވެސް އެމީހަކަށް ފާހަގަކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅޭނެ އެވެ.
އަދި އެމީހަކު ހުށަހަޅާ މައްސަލައަކާ ބެހޭ ގޮތުން ކާކުކަން ނޭނގޭ ގޮތަށް ރައީސް އޮފީހުން އެމީހާއާ މުއާމަލާތް ކުރެވޭނެ އެވެ.
ޕޯޓަލްގައި ވާގޮތުން މައްސަލަ ހުށަހަޅާ މީހާއަށް ހެކި ހުށަހެޅުމުގެ ފުރުސަތުވެސް ޕޯޓަލްއިން ފަހިވެ އެވެ. އަދި އެ މައްސަލަ ހުށަހެޅުމަށްފަހު މައްސަަލަ ކުރިއަށްދާ ގޮތުގެ މަރުހަލާތައްވެސް އެމީހާއަށް ބެލޭނެ އެވެ.
ޕޯޓަލް މެދުވެރިކޮށް ހުށަހަަޅާ މައްސަލަތައް ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅޭއިރު އެ ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތުވެސް އެ ހުށަހަޅާ މީހާ ނޫން އެއްވެސް މީހަކަށް ނުފެންނަ ގޮތަށް ހުންނަނީ ސިއްރު ކުރެވިފަ އެވެ.
އަދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތައް ރައީސުލް ޖުމްހުރިއްޔާގެ އޮފީހުގައި އެކަމަށް ހާއްސަކޮށްފައިވާ ކޮމިޓީން ބެލުމަށްފަހު ރައީސްގެ ލަފާފުޅަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމާއި އެމަނިކުފާނުގެ ލަފާފުޅުގެ މަތިން އޭސީސީއަށާއި ޕީޖީއަށް ފޮނުވަން ޖެހޭ މައްސަލަތައް ފޮނުވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ، ކޮރަޕްޝަން ހިންގާ ފަރާތްތަކުގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ނިޒާމް ހަރުދަނާކުރުމަށާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެންމެހާ ދޮރުތައް ބަންދު ކުރުމަށާއި ސަރުކާރުގެ މުއައްސަސާތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިންގާ ކުންފުނިތަކާމެދު ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު ހޯދައިދިނުމަކީ ޒިރޯ ޓޮލަރެންސްގެ ކޮރަޕްޝަން ސިޔާސަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ކަމަށެވެ.
"މިގޮތުން ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އިފްތިތާހު ކުރި ޕޯޓަލްއަކީ މިފަދަ ގޮތަކަށް ސަރުކާރުން އިސްވެ ލޯންޗް ކުރެވޭ ފުރަތަމަ ޕޯޓަލް، މީ ބައިނަލް އަގުވާމީ ފެންވަރުގަ އަދި މިންގަނޑުތަކަށް ބަލައިފަ، ތައްޔާރު ކޮށްފައިވާ ޕޯޓަލްއެއް،" ޝައުނާ ވިދާޅުވި އެވެ.