މިއަދު ފެށިގެން މި ދިޔައީ ދައުލަތުގެ މުއައްސަސާތައް ހިޔާނާތާއި ވައްކަމާއި ފަސާދައިން ސަލާމަތްކުރުމުގެ އަމަލީ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ މަސައްކަތަކީ ރާއްޖެ ހެޔޮވެރިކަމަށް ބަދަލުކުރުމަށް މީގެ އަހަރުތަކެއް ކުރީން ދައްކަވާފައިވާ ވާހަކަތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.
"މި ސަރުކާރުގެ ފުރަތަމަ ދުވަހުވެސް ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުތަކެއް އަޅުގަނޑު އިއުލާނުކުރިން،" އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެތެރެއިން ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައެޅި އެއް ކަމަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން ވަކި އުސޫލަކުން ހާމަކުރުން ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިމަގުގައި އެ މަސައްކަތްވެސް އިތުރަށް ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ.