ޚަބަރު

މާލޭ ސަރަހައްދުގައި އިތުރު ދިހަ ސްކޫލެއް އަޅަނީ

މާލޭ ސަރަހައްދުގައި އިތުރު ދިހަ ސްކޫލެއް ބިނާކުރުމަށް ރާވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެކަން އިއުލާންކޮށްފައިވަނީ ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމުގެ އޮޑިޓް ރިޕޯޓް ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރިޕޯޓުގައިވާ ގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ސްކޫލުތަކުގައި ދަރިވަރުންގެ އާބާދީއަށް ބަލާ އިރުގައި އެއް ދަންފަޅިއަކަށް ކުރިއަށްގެންދެވޭނެ އަދަދަށް ވުރެ ކުދިންގެ އަދަދު އިތުރެވެ. 800 އާއި 1000އާ ދޭތެރޭގެ އަދަދަކަށް ކުދިން އުޅޭ ސްކޫލުތައް އެއް ދަންފަޅިއަކަށް ބަދަލުކުރެވޭ އިރު، މާލޭ ސަރަހައްދުގައި ހިމެނޭ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލު ފިޔަވައި އެހެން ހުރިހާ ސްކޫލެއްގައި 1000 އަށްވުރެ ގިނަ ކުދިން އުޅޭ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މާލޭ ސަރަހައްދު ސްކޫލުތަކުގެ ދަރިވަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން ސްކޫލުގައި ކިޔަވައިދިނުމާއި އުނގަންނައިދިނުމާއި އަދި އޭގެ އިތުރަށް ދަރިވަރުންނަށް ހިންގާ ހުރިހާ ހަރަކާތްތަކެއްގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެހެންކަމުން އެއް ދަންފަޅިއަކަށް ބަދަލުކުރުމަށް ސްކޫލަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާ އެއްކޮށް ދިހަ ސްކޫލު ބިނާކޮށްގެން ނޫނިއްޔާ މާލޭ ސަރައްހަދުގެ ސްކޫލުތައް މެނޭޖްކުރެވޭކަށް ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި އިތުރަށް ހުރި 62 ސްކޫލު އެއް ދަންފަޅި ސްކޫލުތަކަށް ބަދަލުކުރުމަށް ބަލާ އިރުގައި 288 ކްލާސް ރޫމް، 44 ސައިންސް ލެބް، 28 ލައިބްރަރީ، 42 އޯޑިއޯ ވިޝުއަލް ރޫމް، 57 ބަދިގެ ނުވަތަ މެސް ރޫމް، 22 ސްޓާފުން، މާލޭ ސަރަހައްދަށް ދިހަ ސްކޫލު ބޭނުންވެއެވެ. އެ ހުރިހާ ހަރަދަކަށް ޖުމްލަ 2.38 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭ ސަރަހައްދުގައި އަޅަން ގަސްތުކުރާ ދިހަ ސްކޫލުގެ ކޮންސެޕްޓް އެހެން ސްކޫލުތަކާ ތަފާތުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މާލޭ އޭރިއާ ސަރަހައްދުގައި އަޅަން މި ގަސްތުކުރާ ދިހަ ސްކޫލުގެ ކޮންސެޕްޓް މިހާރު މި ހުންނަ ސްކޫލުތަކާ ވަރަށް ބޮޑަށް ތަފާތުވާނެ. މި ސްކޫލުތައް އަޅުގަނޑުމެން މި ފަރުމާ ކުރަނީ މިހާރުގެ ބެސްޓް ޕްރެކްޓިސްއަށް ބަލާފައި މިފަދަ ސިންގަލް ސެޝަން ސްކޫލުތައް ހުންނަ ގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ދިހަ ސްކޫލު ވެގެންދާނީ ކުދިން ދާ ހިތުން ދާނެ ސްކޫލުތަކަކަށް ކަމަށާއި އެއް ދަންފަޅިއަކަށް ބަދަލު ނުކުރެވިފައިވާ 62 ސްކޫލު އެއް ދަންފަޅިއަކަށް ބަދަލުކުރުމަށް ރާވާފައިވަނީ ފަސް އަހަރަށް ބަހާލައިގެން ކަމަށެވެ.