ޚަބަރު

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

"ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ކޮމިޓީން، މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެމަނިކުފާނާ ހިއްސާ ކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކޮމިޓީގެ މަސައްކަތްތައް ރާއްވަވާފައިވާ ގޮތާއި، މަސައްކަތް ކުރިއަށް ގެންދެވިއިރު ފާހަގަ ކުރެއްވުނު ކަންކަމާ ބެހޭ މައުލޫމާތު ކޮމިޓީގެ ފަރާތުން ރައީސްއަށް އެރުވިއެވެ.

އަދި މި މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގަތުމުން، ވަރަށް އަވަސް މުސްތަގުބަލެއްގައި މީޑިއާ މެދުވެރިކޮށް އާންމުންނަށް މި މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށް ކޮމިޓީން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮމިޓީން ކަންކަން ނިންމެވުމުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް އިސްކަން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.