ކްރިކެޓް

އިންގްލެންޑުގެ ވޯލްޑް ކަޕް އުންމީދުތައް ފެނަށް ދުއްވާލައި، ނިއު ޒީލެންޑް ފުރަތަމަ ފައިނަލަށް

ޔޫއޭއީގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ނިއު ޒީލެންޑުން ހޯދައިފިއެވެ.

އަބޫ ދާބީގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ނިއު ޒީލެންޑުން އިންގްލެންޑުގެ މައްޗަށް ކުރި ހޯދީ ފަސް ވިކެޓުންނެވެ. މީގެ ކުރިން ދެފަހަރަށް މުބާރާތުގެ ފައިނަލް ކުޅެފައި އޮތް އިންގްލެންޑު ބަލިކޮށް ނިއު ޒީލެންޑުން ފުރަތަމަ ފައިނަލް ޔަގީން ކުރީ އާދަޔާ ހިލާފަށް މެޗު އަނބުރާލައިގެންނެވެ. އިންގްލެންޑުން 2010 ވަނަ އަހަރު ޗެމްޕިއަންކަން ހޯދައި، އެންމެފަހުން 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ވޯލްޑް ކަޕުގެ ރަނަރަޕްކަން ހޯދާފައި އޮތް އިރު، މެޗަށް ނުކުތް އިރު ފެވަރިޓުންނަކީވެސް އެޓީމެވެ. އެހެން ނަމަވެސް މިރޭގެ ސެމީން ބަލިވެގެން ދިޔައީ ގަބޫލުކުރަންވެސް ދަތި ގޮތަކަށެވެ.

މިރޭގެ ބައްޔާއެކު އިންގްލެންޑަށް ތާރީހު ލިޔެލަން ކުރަމުން އައި މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ. މިވަގުތު 50 އޯވަރު ކްރިކެޓް ވޯލްޑް ކަޕުގެ ތަށި އިންގްލެންޑު އަތުގައި އޮތް އިރު، އެޓީމުން މަސައްކަތް ކުރަމުން ދިޔައީ 20 އޯވަރުގެ ތައްޓާއެކު، އެ ދެ ތަށި ޖެހިޖެހިގެން ހޯދި ފުރަތަމަ ގައުމަކަށް ވުމަށެވެ. މިހާތަނަށް އެއްވެސް ގައުމަކަށް ވިދިވިދިގެން ދެތަށި ހޯދިފައެއް ނުވެއެވެ.

މިރޭގެ ފޯރިގަދަ ސެމީ މެޗުގައި ފުރަތަމަ ބެޓްކުރަން ނުކުތީ އިންގްލެންޑުންނެވެ. 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން އިންގްލެންޑުން 166 ލަނޑު ހަދައި ފައިނަލަށް ފުރުސަތު ބޮޑު ކުރިއެވެ. އިންގްލެންޑަށް އެންމެ ރަނގަޅަށް ބެޓް ކުރީ 37 މެޗުން 51 ލަނޑު ހެދި މުއީން އަލީއާއި 30 ބޯޅައިން 41 ލަނޑު ހެދި މާލަންއެވެ.

ބޮޑު ސްކޯއެއްގެ މައްޗަށް ކުރި ހޯދަން ނުކުތް ނިއު ޒީލެންޑަށް ފުރަތަމަ އޯވަރުތައް ދިޔައީ ރަނގަޅަކަށް ނޫނެވެ. ފުރަތަމަ ދިހަ އޯވަރުގެ ތެރޭގައިވެސް އިންގްލެންޑުން ނިއު ޒީލެންޑުގެ މުހިންމު ކުޅުންތެރިންތަކެއް ނުބައިކޮށް، ހަތަރު ވިކެޓު ނެގިއެވެ. އެހެންނަމަވެސް އެއް ނަންބަރުގެ ގޮތުގައި ބެޓަށް ނުކުތް ޑެރީލް މިޗެލް ނުބައިކުރަން އިންގްލެންޑަށް އުނދަގޫވިއެވެ.

ނިއު ޒީލެންޑަށް މެޗުގެ ހީރޯއަކީވެސް މިޗެލްއާއި ފަސްވަނައަށް ބެޓަށް ނުކުތް ޖިމީ ނީޝަމްއެވެ. ތިން ބޯޅައެއް ހަޔަކަށް ޖަހައި ނީޝަމް ނިއު ޒީލެންޑަށް އުންމީދު އާކޮށްދީ ނުބައިވެގެން ދިޔައީ ދިހަ ބޯޅައިން 26 ލަނޑު ހަދައިފައެވެ. 18 ވަނަ އޯވަރަށް ދިޔަ އިރު ނިއު ޒީލެންޑަށް 12 ބޯޅައިން ބޭނުންވަނީ 20 ލަނޑެވެ.

އެ ޗެލެންޖު ގަބޫލުކޮށް، ނިއު ޒީލެންޑުގެ ތާރީހީ ފައިނަލަށް އެޓީމު ގެންގޮސްދިނީ މިޗެލްއެވެ. އިންގްލެންޑުގެ ކްރިސް ވޯކްސްގެ އޯވަރެއްގައި ދެ ބޯޅައެއް ހަޔަކަށް ޖަހައި މިޗެލް ނިއު ޒީލެންޑަށް އުންމީދު ގެނުވިއެވެ. އޭނާ ވަނީ މެޗުގައި 48 ބޯޅައިން 73 ލަނޑު ހަދައިފައެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗުގައި މާދަމާ ރޭ ޕާކިސްތާނުން ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.